މި ސަރުކާރު ބަދަލުވެއްޖެއްޔާ ރަށްރަށުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ ކަމަށާއި މުޅި ރާއްޖޭގެ ރަށްތައް މަތިން ހަނދާން ނައްތާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ދ. ބަނޑިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައިސް 141 ރަށުގައި ފެނާއި ނަރުދާމާގެ ނިޒާމް ގާއިމް ކުރަން ފައްޓަން ޖެހުނީ ކުރީ ސަރުކާރުން ރަށްރަށުގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ނުކުރާތީ ކަމަށެވެ. ހަމައެއާއެކު 150 ރަށުގެ އިންޖީނުގެ އަޅައި ކަރަންޓު ހިދުމަތް ރައްޔިތުންނަށް ދޭން ފަށަން ޖެހުނީ މިއިން އެއްވެސް ރަށަކާ ދޭތެރޭ އަޅާ ނުލާ އޮތީމައި ކަމަށެވެ. 152 ރަށުގެ ބަނދާރާއި ލަފާ ފުރުން ހައްލު ކުރަން ޖެހުނީ ވެސް އެ ސަބަބާ ހުރެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ސިޔާސަތަކީ އެއްވެސް ރަށެެއް ތަފާތު ނުކުރުން ކަމަށާއި ހަމަހަމަކަމާއެކު އެންމެންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރާއި މި ސަރުކާރުގެ މަޝްރޫއުތައް އަޅާ ކިޔުއްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ތައުލީމީ ދާއިރާއިން ގެނެސްދީފައިވާ ތަރައްގީއަށް ބަލާއިރު، އަޅާފައި ވަނީ 15 މަލްޓިޕާޕަސް ހޯލް ކަމަށާއި އަދި އިތުރުކޮށްފައި ވަނީ 135 ކްލާސް ރޫމް ކަމަށެވެ. ކޮވިޑްގެ އާލަމީ ދަތިކަމާއި، ޔޫކްރެއިން ހަނގުރާމައިގެ ދަތިކަމުގައި މި ސަރުކާރުން ތައުލީމީ ދާއިރާއަށް ގެނައި ތަރައްގީ ހިއްސާ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، 85 ރަށެއްގައި މަލްޓިޕާޕަސް ހޯލް އަޅާފައިވާނެ ކަަމަށާއި 1578 ކްލާސްރޫމް އަޅާފައިވާނެ ކަމަށެވެ. ކުރީ ސަރުކާރުގެ މަސައްކަތާއި މި ސަރުކާރުގެ މަސައްކަތް އަޅާ ކިޔާލަން 15 އާއި 85 މަލްޓިޕާޕަސް ހޯލްގެ ފަރަގާއި 135 އަދި 1578 ކްލާސްރޫމްގެ ފަރަގު ބަލާލުމަށް ރައީސް ގޮވާލެއްވިއެވެ.

"ވެރިކަމެއް ކޮށް އެ ނިންމީ، މުޅި ދުނިޔޭގެ އިގްތިސޯދު އޭރު އޮތީ އެންމެ ފަހިކޮށް، އަޅުގަނޑު އޭރުވެސް ދެންނެވީން ތެލުގެ އަގު އޭރު ހުރީ 48 ޑޮލަރާއި 50 ޑޮލަރާ ދެމެދު. އަޅުގަނޑުމެންގެ ސަރުކާރުގައި ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެރި 145 ޑޮލަރަށް. އެ ބުރައާ އެކު ރައްޔިތުންނަށް އެ ބުރަ އުފުލަން ނުޖެހޭނެ ގޮތަށް ކަންކަން ކުރަމުން ގެންދިޔައީ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރީ ސަރުކާރުން ގެނެސްދިން ތަރައްގީއާ މި ސަރުކާރުން ގެނެސްދިން ތަރައްގީއާ އަޅާ ކިޔުންވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުރީ ސަރުކާރުން ތަރައްގީ ގެންނަން މާ ބޮޑު ދައްޗެއް ނެތް ކަމަސެވެ. އޭރު މުޅިދުނިޔޭގެ އިގްތިސޯދު ވެސް އޮތީ އެންމެ ފަހިކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވެރިކަމުގައި ކޮވިޑްގެ ދަތި ދުވަސްވަރާއި ޔޫކްރެއިން ހަނގުރާމައިގެ ދުވަސްވަރު ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔަ ކަމަށާއި ނަމަވެސް އެ ބުރަ ރައްޔިތުން އުފުލަން ނުޖެހޭނެ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދެވި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބަނޑިދޫގެ ރައްޔިތުންނަށް ކަރަންޓް ސަބްސިޑީގެ ގޮތުގައި 7.5 މިލިއަން ރުފިޔާ މި ސަރުކާރުން ހޭދަކޮށްފައިވާނެ ކަމަށާއި ރައްޔިތުންގެ ޖީބަށް އެކަމެއް ނޭނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަނޑިދޫގެ ތަރައްގީއަށް ކުރަން ޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރިކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މަސްވެރި އާބާދީއެއް އޮތް ރަށެއް ކަމުން ކުރިއަށް އޮތް ދައުރުގައި އެ ރަށުގައި އައިސް ޕަލާންޓެއް ބަހައްޓައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. ހަމައެއާއެކު އެ ރަށުގައި މަލްޓިޕާޕަސް ހޯލަކާއި ބޭނުންވާ ކްލާސްރޫމް އިތުރު ކުރައްވާނެ ކަމަށާއި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ހިދުމަތްތައް ގާއިމް ކޮށް ދެއްވާނެ ކަމަށާއި ކުނި މެނޭޖްކުރުމަށް މުޅި ރާއްޖެއަށް އަލިއަޅުވައިގެން ހިންގާ ބިޔަ ޕްރިޖެކްޓްގެ ދަށުން ބަނޑިދޫއަށް ވެސް ކުނި މެނޭޖްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގެ އިންޖީނުގޭގެ އާ އިމާރާތައި ކައުންސިލްގެ އާ އިމާރާތް ވެސް އަންނަ ދައުރުގައި އަޅައި ދޭނެ ކަމަށާއި، އެ ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ގެނެސް ދިނުމަށް ބިން ހިއްކައި ބިން އިތުރުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ވަނީ ދ. ބަނޑިދޫ ފެނަކަ އާ އޮފީސް އިމާރާތާއި، އައުޓްޑޯ ޖިމާއި، ވޮލީކޯޓް ހުޅުއްވައި ދެއްވާފައެވެ.