އުރީދޫއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްރޭހުގެ މިއަހަރުގެ މުބާރާތުގައި މާލެ ސިޓީގެ ޗެމްޕިއަންކަން ސޮނީ ފިޝިން ހޯދައިފިއެވެ.

އުރީދޫއިން ވަނީ އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު މަސްރޭސް އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްލާފައެވެ.

މާލެ ސިޓީ މަސްރޭހަށް ރެޖިސްޓްރީ ކުރި 30 އަށްވުރެ ގިނަ ޓީމާއެކު މާލޭގައި މި މުބާރާތް ފަށާފައިވަނީ މިދިޔަ ހުކުރުދުވަހެވެ. އެގޮތުން އެ ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށްފަހު 860.34 ޕޮއިންޓާއެކު ސޮނީ ފިޝިންއިން ޗެމްޕިއަންކަން ހޯދިކަން އުރީދޫއިން ފާހަގަކުރެއެވެ. އަދި ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 698.7 ޕޮއިންޓާއެކު ޑެޓިއުންފިޝިންއިން ކަމަށްވާއިރު 412.18 ޕޮއިންޓާއެކު މާލެ ސިޓީ އިން 3 ވަނަ ކާމިޔާބުކޮށްފާވަނީ ސްޓެލްކޯ މެން ޓީމުންނެވެ.

އުރީދޫއިން ބުނީ އެ ދުވަހުގެ މެންދުރުފަހު 2:30 ގައި ޓީމުތައް މަހަށް ފުރައިގެން ކުރިއަށް ދިޔަ އެއްދުވަހުގެ އެ މުބާރާތުގައި ޓީމުތަކުން ފެނުނު ފޯރިއާއި ވާދަވެރިކަމުގެ އިތުރުން މަސްވެރިކަމަށް އޮތް ލޯބި ފެނިގެންދިޔަ ކަމަށެވެ. އަދި މި މުބާރާތުގައި ޓީމް ކްރަންޗީސްގެ ނައުޝާދު، މަސްވެރިކަމުގެ ހުނަރުދައްކާލާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ޑީޓިއުންފިޝިންއިން ފެޒޫ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 17.54 ކިލޯ ގެ މުޑަހަންޖެއްކަން ފާހަގަކޮށް އުރީދޫއިން ބުނީ އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕއިން ޓީމުގެ ވަލީދު ކަމަށެވެ. އަދި އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަ ސީގިއަގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް އުރީދޫއިން ވަނީ ހަދިޔާކޮށްފައެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވާ ތާރީހުތައް:

  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
  • އައްޑޫ ސިޓީ: އޮގަސްޓް 18
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫއިން ބުނީ ޓީމުން އަދި މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން މާލެ ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރާ ކަމަށެވެ.