އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސިރު އިލެކްޝަން ކޮމިޝަން އަށް ފޯމް ހުށަހަޅުއްވައިފިއެވެ.

އުމަރު ދާދި ދެންމެއަކު އީސީ އަށް ފޯމް ހުށަހަޅުއްވާފައި ވާއިރު އުމަރުގެ ރަނިންމޭޓަކަށް ކަނޑައަޅާވާފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމަށް (މާޒް ސަލީމް)އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ސުންގަޑި މިއަދު މެންދުރު ފަހު 2:00 ގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ފޯމް ހުށަހަޅުއްވާފައި ވެއެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައި ވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ. އަދި މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ހަމަޖައްސާފައި ވާއިރު އިލްޔާސްގެ ރަނިންމޭޓަކީ ކުރީގެ އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްއާރްއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫންގެ ރަނިން މޭޓަކަށް ޑރ. އަބްދުއް ސައްތާރު ޔޫސުފް ވަނީ އިއުލާން ކުރައްވާފައިވާފައެވެ.