އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނުގެ ރަނިންމޭޓަކަށް ޑޮކްޓަރު އަބްދުއް ސައްތާރު ޔޫސުފް ހަމަޖައްސަފިއެވެ.

އެންމެ ފުރަތަމަ އެމްއާރްއެމްގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނަމަވެސް އެ ޕާޓީގައި 3000 މެންބަރުން ހަމަނުވެގެން ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފާރިސް ވަނީ 1500 މީހުންގެ ސޮއިވެސް ހަމަކުރައްވާފައެވެ.

ރަނިންމޭޓް އިއުލާން ކުރައްވަމުން ފާރިސް ވިދާޅުވީ ޑރ. އަބްދުއްސައްތާރު ޔޫސުފަކީ ރައްޔިތުންނަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ވަރަށް ގިނަ އަހަރުތަކެއް ވާންދެން ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ފާރިސްގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ އިސްމާއިލް ޒަބީހް އައްޔަން ކޮށްފައި ވާއިރު ފާރިސްގެ ކެމްޕެއިންގެ މާ ބޮޑު ހަރަކާތްތަކެއް އަދި ފެށިފައެއް ނުވެއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު 14:00 އަށް ހަމަވާއިރު މިހާތަނަށް އިސީއަށް ފޯމު ހުށަހަޅުއްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އީސީ އިން ކެންޑިޑެސީ ބަލައިގަންފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމްގެއެވެ.