މައްސަލަ އުފެދިފައި އޮންނަ ދެކުނު ޗައިނާ ކަނޑުގައި ޕިލިޕީންސްގެ އަސްކަރީ މަނަވަރަކަށް ސަޕްލައި ހިފައިގެން ދިޔަ ބޯޓަކަށް އެ ސަރަހައްދުގައި ހަރަކާތްތެރި ވި ޗައިނާގެ މަނަވަރަކުން ފެން ބަޑި ޖަހައިފިއެވެ.

މިއީ ބިރުދެއްކުމާއި ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ޕިލިޕީންސުން ސިފަކޮށް ބުނެފައި ވަނީ، ދެކުނު ޗައިނާ ކަނޑަކީ ހަމައެކަނި ޗައިނާގެ ސަރަހައްދެއް ނޫން ކަމަށާއި އެއީ ބައިނަލްއަގުވާނީ ސަރަހައްދެއް ކަމުން އެންމެނަށްވެސް މިނިވަން ކަމާއެކު ހަރަކާތެރި ވެވެން ޖެހޭނެ ކަމަށެވެ.

ދެކުނު ޗައިނާ ކަނޑަށް ޗައިނާ އިން އަތްގަދަ ކޮށްގެން އުޅޭ އިރު އެއީ، ޗައިނާ، ޕިލިޕީންސް، ވިއެޓްނާމް، މެލޭޝިއާ، ޓައިވާން އަދި ބުރޫނާއީ އާ ވެސް ގުޅިފައި އޮންނަ ބޮޑު ކަނޑެކެވެ.

ދުނިޔޭގެ އެންމެ ބިޒީ ކަނޑުއޮޅީގެ ގޮތުގައި ބަލައި މިސަރަހައްދަށް ޗައިނާ އިން އަތްގަދަ ކޮށްފައި އޮތް މައްސަލަ އދ އިން ވެސް އޮންނަނީ ކުށްވެރި ކޮށްފައެވެ. ނަމަވެސް އެ އަޑެއް ޗައިނާ ނާހައެވެ.

ޗައިނާއިން ފެންބަޑި ޖެހި މިހާދިސާ އާ ގުޅިގެން ޕިލިޕީންސުން ބުނީ، އެމީހުން ސެކަންޑް ތޯމަސް ޝޯލް ފަރުކައިރީގައި ހަރަކާތްތެރި ވަމުން ދަނިކޮށް، ޗައިނާގެ މަނަވަރު ކައިރި ކޮށްފައި ބާރުގަދަ ފެން ބަޑި ޖަހަން ފެށީކަމަށާއި އެކަމުގެ ސަބަބުން، ސަޕްލައި ބޯޓަށް ހުރަސްތައް ކުރިމަތިވެގެން ދިޔަ ކަމަށެވެ.

މިހާދިސާ އާ ގުޅިގެން ޗައިނާގެ ކޯސްޓްގާޑުގެ ތަރުޖަމާން ގޭން ޔޫ ބުނީ، ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕްރާލްޓީ އައިލޭންޑްސް އާއި ވަށައިގެން އޮތް ކަނޑުގެ ސަރަހައްދިތަކާއި ތޯމަސް ޝޯލް އަކީ ޗައިނާގެ އިހުތިސޯސްގެ ތެރޭގައި އޮތް ތަންތަން ކަމަށެވެ. އެހެން ކަމުން އެސަރަހައްދުތަކުގައި ޕިލިޕީންސުން ހިންގާ ހަރަކާތައް ވަގުތުން ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ބުނީ، ދެކުނު ޗައިނާ ކަނޑު އަމިއްލަ ކުރުމަށް ޗައިނާއިން އަވައްޓެރި ގައުމުތަކަށް ބިރުދެއްކުން ބަލައި ނުގަންނާނެ ކަމަށާއި ޕިލިޕީންސާއެކު ތިބި ކަމަށެވެ.