ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާ ދެކޮޅަށް ދައުވާކުރަން ބޭނުންވާ ލިޔެކިޔުންތައް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އަބްދުﷲ ނަޝީދަށް ދިނުމަށް، ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

އެ ރިޕޯޓްތައް ދިނުމަށް ކޯޓުން އަމުރު ކުރީ ވީއޭއެމް އާ ދެކޮޅަށް ވޮލީބޯލް އެކަޑަމީ އާއި ނަޝީދު ދައުވާކުރަން ބޭނުންވާތީ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމަށެވެ.

ވީއޭއެމް އާ ދެކޮޅަށް ހުށަހަޅާ މައްސަލައަކީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އިންތިހާބު ކުރި ވީއޭއެމްގެ ހިންގާ ކޮމިޓީން އެތަން ހިންގަމުން ދިޔައީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދާ އަދި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް ކަމަށް ބުނާ މައްސަލައެއްގަކެވެ.

މި މައްސަލައިގައި އިތުރުން ވީއޭއެމް އިން ގަވައިދުތަކާ ހިލާފުވެފައިވާ ކަންތައްތައް އިސްލާހުކޮށް ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދާ އަދި އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތަށް، ދެފުށް ފެންނަ ގޮތަށް ކަންކަން ރޭވުމުގެ އަމުރަކަށްވެސް އެދިފައި ވެއެވެ.

ސިވިލް ކޯޓުން ވަނީ 2021، 2022 އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ބަޖެޓް އަދި އޮޑިޓް ރިޕޯޓްތައް ނަޝީދަށް ދިނުމަށް އަމުރު ކޮށްފައެވެ. އެހެންނަމަވެސް މި އަހަރު ވެސް އަދި މިދިޔަ ދެ އަހަރު ވެސް ވީއޭއެމްގެ އެނައުލް ކޮންގްރެސް ބާއްވާފައި ނުވާތީ މި ތިން އަހަރުގެ އަހަރީ ރިޕޯޓާއި ބަޖެޓް ރިޕޯޓް އަދި މިދިޔަ ދެ އަހަރުގެ އޮޑިޓް ރިޕޯޓް ވެސް ނެތްކަމަށް އެ އެސޯސިއޭޝަނުން ވަނީ ކޯޓުގައި ބުނެފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ ވަނީ ވީއޭއެމްގައި ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނާ ލިޔުންތައް ނޫން ދެން ހުރި ލިޔުންތައް މި އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުލައި 15 ދުވަސް ތެރޭ ނަޝީދު އާ ހަވާލުކުރުމަށް އަމުރުމަށެވެ.