ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލައިގައި މާދަމާ 3ގެ ކުރިން ސްޕްރީމް ކޯޓަށް ޖަވާބު ފޯމު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން، ރައީސް ޔާމީންގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އީސީ އިން ޖަވާބުދާރީވުމަށް، ސުޕްރީމް ކޯޓުން މިއަދު އީސީ އަށް އަންގަވާފައިވާ ކަމަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓަށް މާދަމާ މެނދުރުފަހު 3:00 ގެ ކުރިން ޖަވާބު ފޯމު މެދުވެރިކޮށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަކީ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީން މިނިވަން ވެވަޑައިގަތުމުން މެނުވީ ރައީސް ކަމަށް ވާދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ބާތިލްކުރުމަށް އިސްތިއުނާފް މައްސަލައެއް ވެސް ހައިކޯޓަށް ހުށަހަޅައި އެ މައްސަލައިގެ 4 އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

ނަމަވެސް އެއަށް ފަހު އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމާ އެކުގައެވެ. އެ މައްސަލައިގައި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވަނީ ހައިކޯޓުގެ މައްސަލަ ލަސްވަމުން ދިއުމާއެކު، އެމަނިކުފާނުގެ އިންތިހާބީ ހައްގުތައް ގެއްލޭތީ އެ ހައްގުތައް ހޯދުމަށް މައްސަަލައެއް ހުށަހަޅާފައެވެ. އެ ހުށަހެޅުން ސުޕްޜީމް ކޯޓުން ބަލައި ނުގަތުމުން ދެން ރައީސް ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައެވެ.

އެ ފޯމް ހުށަހެޅުމުން އީސީން ވަނީ ޔާމީންގެ ފޯމް ބަލައިނުގަންނަން ނިންމާފައެވެ. އެ ކޮމިޝަނުން ބުނީ، ރައީސް ޔާމީންއަކީ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

އީސީން މި ނިންމުމާ ގުޅިގެން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ގާނޫނީ ވަކީލު އަދި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ސްޕްރީމް ކޯޓަށް ވަޑައިގެން ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ރައީސް ޔާމީންގެ ހައްގުތައް ކަށަވަރު ކުރުމަށް މައްސަލަ ހުށަހަޅަފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނީ ގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަތުބީގު ކޮށްގެން ކަމަށް ވެސް ޖަމީލު ވަނީ ފާހަގަ ކުރައްވާފައެވެ.