މާލެ ސަރަހައްދުގައި 4،000 ފްލެޓް އިމާރާތް ކުރަން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ދާއިރު ފުރަަތަމަ ފިޔަވަހީގައި އަޅާނީ 2،000 ހައުސިން ޔުނިޓެވެ. އެއީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓް ކަމަށް ފަހިދިރިއުޅުން ކޯޕަރެޝަން (އެފްޑީސީ) އިން ބުނެއެވެ.

އެ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސަތްކަތް ފަށާތާ 37 މަސް ނުވަތަ ގާތްގަނޑަކަށް ތިން އަހަރުންނެވެ. މިއީ 2.65 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއު ފައިނޭންސް ކުރަން ނިންމާފައި ވަނީ ފައިސާގެ 85 ޕަސެންޓު ކޮންޓްރެކްޓާ-ފައިނޭންސް އުސޫލުން ސޮވަރިން ގެރެންޓީގެ ދަށުން ކޭޕީއައިއެލް އިން ލޯނު ނަގައިގެންނެވެ. އަދި ބާކީ 15 ޕަސެންޓު ހަމަޖައްސާނީ އެފްޑީސީން ސަރުކާރުގެ ބަޖެޓު މެދުވެރިކޮށެވެ.

މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އަޅާ ފްލެޓްތަކުގެ މަސައްކަތް ވެސް ކުރަނީ އެފްޑީސީންނެވެ.

އެ ސްކީމްގެ ދަށުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަ ކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކުގައި ހުންނާނީ 900 އަކަފޫޓެވެ.