ޕްލޭނިން މިނިސްޓްރީގެ ވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުމާ އިސްތިއުފާދެއްވާ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައިފިއެވެ.

ނިއުމާ އިއްޔެ އެ މަގާމުން އިސްތިއުފާދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ވަޒީރުގެ ނައިބުގެ މަގާމުން އިސްއިއުފާދެއްވާފައިވާ ކަމަށާއި އެ ފުރުސަތު އޭނާއަށް ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ މިހާރު ވަނީ ދާދިފަހުން އުފެއްދި ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.

ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށް ސަރުކާރު ވަޒީފާތައް އަދާ ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އިސްތިއުފާދެެއްވާފައެވެ. އޭގެތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް އަދި އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކްރަޓްސް އުފައްދަވާފައި ވަނީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހުގައެވެ.

ދަ ޑިމޮކްރެޓްސްއިން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިލްޔާސް ލަބީބް ނެރެ އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރުމަށްޓަކައި އިލްޔާސް އަށް 10 ޕަސެންޓްގެ ވޯޓު ބޭނުންވި ނަމަވެސް އޭނާ ޑިމޮކްރެޓްސްގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނީ ވޯޓުގައި ބައިވެރިވި މީހުންގެ 94 ޕަސެންޓު ތާއީދާއެކުއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވަނީ ވޯޓު ލާފައެވެ. އިލްޔާސްއަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވާއިރު ނުފެންނަ ކަމަށް 153 މީހުން ވޯޓު ދީފައި ވެއެވެ. އަދި ބާތިލް 9 ވޯޓު ހިމެނެއެވެ.