ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

ޓުވިޓާގައި އީވާ ގެ ދަރިފުޅުގެ ފޮޓޯ ބޭނުން ކޮށްގެން އީވާއަށް ބިރު ދައްކާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައި ވަނީ ރޭ 10:34 ހާއިރުއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފަހު، ރޭގެ ވަގުތެއްގައި މީހާ ދޫކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ހައްޔަރުކުރި މީހާ ދޫކޮށްލި ފަހުން، މިއަދު އެ ވަގު އެކައުންޓުން "މި ހުރީ ގޭގައި" ކަމަށް ބުނެ ޓުވީޓެއް ކޮށްފައި ވާއިރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

'ހަމައެސޮރު' ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުން އީވާއަށް އަމާޒުކޮށް ގިނަ ޓުވީޓުތަކެއް ކޮށްފައި ވާއިރު އޭނާގެ އާއިލާގެ ފޮޓޯތައް ބޭނުން ކޮށްގެން އަންނަނީ ހަޑިހުތުރު ބަހުން ޓުވީޓްތައް ކުރަމުންނެވެ. މިކަމާ ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު އީވާ ކުރި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން އޭނާއާ ގުޅޭގޮތުން ދައްކާ ވާހަކަތައް ދުވަހަކުވެސް ރައްދު ދީފައި ނުވާނެ ކަމަށާއި އަދި އެކަން ރިޕޯޓްވެސް ކޮށްފައި ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ދަރިފުޅަށް ފުރައްސާރަ ކުރަމުންދާތީ ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދިނުމަށް އެދިވަޑައިގަތީއެވެ.