ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތުކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

މަންޑޭގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި ހަންބޯ ކުންފުނިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައިދިނުމަށް އެދި އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.

ހުސްވި މަހު ކްރިމިނަލް ކޯޓުން ނިންމާަފައި ވަނީ މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމުގައި ވަނީ މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރު ނެރުނީ އޭނާގެ އާއިލީ ޒިންމާއަކާ ގުޅިގެން ކަމަށް ވީ ނަމަވެސް އެ ނޫން ގޮތަކަށް އެކަން ކުރެވޭނެތޯ ކޯޓުން ބަލާފައިނުވާ ކަމަށެވެ.

މަންޑޭ ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭ ހެކި ހުރިއިރު، އެގޮތަށް ޕާސްޕޯޓް ދޫކޮށްލަން ޖެހޭނީ އެ ނޫން ގޮތެއް ނެތް ހާލަތްތަކުގައި ކަމަށްވެސް މިއަދު ކުރި ހުކުމުގައި ވަނީ ބުނެފައެވެ. ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ، ހާއްސަ ހާލަތެއްގައި އަމުރު ނެރޭއިރު، އެއީ އެ ނޫން ގޮތަކަށް އެ ކަންކަން ފުރިހަމަ ކުރެވެން ނެތް ހާލަތެއްތޯ ފަނޑިޔާރު ބަލަން ޖެހޭނެކަމަށާއި، ނަމަވެސް ދަށު ކޯޓުގެ އަމުރުން އެކަން އެނގޭކަށް ނެތް ކަމަށެވެ.

އެއާއެކު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ މުހައްމަދު ޝަނީޒު އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހަސަން ޝަފީއު އިއްތިފާގުން ނިންމެވީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި އަމުރު ބާތިލް ކުރުމަށެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން މިދިޔަ ހަފްތާގައި އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައިވެއެވެ.

އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހެ އިދާރާތަކަށް ހިގަން ފެށުމުންނެވެ. އަދި އެ މައްސަލައާ ގުޅޭ ބަޔާނެއް ވެސް ހަމްބޯ ކުންފުނިން ނެރެ، މަމްދޫހުގެ ފަރާތުން ކޮށްފައި ހުރި މުއާމަލާތްތަކާއި، އެޕާޓްމަންޓް ގަތް ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ލޯ ކްރާފްޓް ކިޔާ ލޯފާމެއް އައްޔަން ކޮށްފައި ވެެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާބަންކޯގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު ސަސްޕެންޑް ކޮށްފަިއވާ އިރު، އަދިވެސް ފުލުހުން ދަނީ ޖިނާއީ ތަހުގީގު ހިންގަމުންނެވެ. އެ މައްސަލާގައި މަންޑޭ ކުރިން ހައްޔަރު ވެސް ކުރި އެވެ. އަދި ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު ހުޅުމާލޭ ކޯޓުން ދާދިފަހުން ވަނީ ޝަރުތުތަކާ އެކު އޭނާ ވަނީ ދޫކޮށްލާފައެވެ.