އާސަންދައިގެ ހުުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެދެވޭ ގޮތައް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށް އެދެވޭ ގޮތައް ބަދަލުކޮށް "މައި އާސަންދަ" ނަމުގައި ވެބް ޕޯޓަލްއެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރެކޮމެންޑޭޝަން ފޯމު، މި މަހު 15 އިން ފެށިގެން ބަލައިގަންނާނީ އެ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ޕޯޓަލް މެދުވެރިކޮށް އެދެވޭ ހިދުމަތްތަކުގެ ތެރޭގައި:

  • ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައިދިނުން
  • އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން
  • އެޕްލިކޭޝަންގެ ސްޓޭޓަސް ޕޯޓަލް އިން ބެލުން
  • އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅުން ހިމެނެއެވެ.

އާސަންދަ އިން ބުނީ ހިދުމަތްތައް ހޯދަން އެ ކުންފުނީގެ ކައުންޓަރަށް ދެން ދާން ނުޖެހޭނެ ކަމަށާއި ނަމަވެސް އެތަންތަން މެދުވެރިކޮށް ހޯއްދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ހިދުމަތް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާސަންދަ ކުންފުނިން ބުނީ ޕޯޓަލްގައި މައްސަލައެއް އުޅޭނަމަ [email protected] އަށް މެއިލް ކުރުމަށް ވެސް އެ ކުންފުނިން އިލްތިމާސް ކުރާ ކަމަށެވެ.

ފާއިތުވި ތިން އަހަރު ވެސް އާސަންދަ އިން ވަނީ ބަޖެޓަށްވުރެ އިތުރަށް ހޭދަކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު އިތުރަށް 255.6 މިލިއަން ރުފިޔާ، 2021 ވަނަ އަހަރުގެ އިތުރަށް 844.6 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު އިތުރަށް 214 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.