ޗައިނާގެ 'ވޮލްފް ވޮރިއާ' ހާރިޖީ ވަޒީރު ކިން ގޭންގް ކުއްލި ގޮތަށް މަގާމުން ދުރުކުރުމަށް ފަހު އައްޔަން ކުރި ވޭންގް ޔީ، އެމެރިކާއަށް ވަޑައިގަތުމަށް އެގައުމުން ދައުވަތު ދީފިއެވެ.

އެމެރިކާން މި ދައުވަތު ދިން ނަމަވެސް ޗައިނާއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ. މީގެ ކުރިން ހާރިޖީ ވަޒީރު ކަމުގައި 7 މަހު ހުނެންވި ގޭންގް އަށް ވެސް އެމެރިކާއިން ދައުވަތު ދިނެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރި ސަބަބުން އަދުވެސް ޗައިނާއިން ހާމަކޮށްފައި ނުވާ އިރު 'ވޮލްފް ވޮރިއާ' ގެ ގޮތުގައި ގޭންގް މަޝްހޫރުވެފައި ވަނީ ޗައިނާއިން ގެންގުޅޭ ހަރިކަށި ސިޔާސަޔު ދެމެހެއްޓެވި ބޭފުޅެއްގެ ގޮތުގައެވެ.

އޭނާ އަކީ ކުރިން ޗައިނާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރުވެސް މެއެވެ.

އާ ހާރިޖީ ވަޒީރަށް އެމެރިކާއިން ދައުވަތު ދިން އިރު އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓުން ވަނީ ޗައިނާގެ އިސް ޑިޕލޮމޭޓެއް ކަމަށް ވާ ޔެންގް ޓާއޯ އާ ބައްދަލު ކޮށްފައެވެ.

އެމެރިކާގައި ހަރަކާތްތެރިވާ ޗައިނާގެ ޓިންކް ޓޭންކެއް ކަމަށް ވާ ސްޓިމްސަން ސެންޓަރުން ބުނީ، ހާރިޖީ ވަޒީރު ބަދަލު ކުރުމަކުން ޗައިނާގެ ސިޔާސަތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ވޭންގް އަކީ ގުޅުންތައް ކުރިއަށް ގެންދިޔުމުގައި ރަނގަޅު 'ޗޮއިސް' އެއް ކަމަށެވެ.

ވޭންގް އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، އިންޑޮނީޝިއާގައި އޮތް އާސިއާން ސަމިޓުގެ ހަވާސާގައި އެމެރިކާގެ ހާރިޖީ ވަޒީރު ވޭންގް އާ ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި މަޝްވަރާ އަށް ހުޅުވާލެވިފައި އޮތް މާހައުލެއް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.

ޗައިނާ އާއި އެމެރިކާ އަކީ ދިފާއީ، ޓެކްނޮލޮޖީ އަދި އިގްތިސޯދީ ވާދަވެރިން ކަމަށް ވާއިރު، ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އޮންނަނީ މައިގަނޑު މި ދާއިރާތަކުގެ އިތުރުން، ބައިނަލްއަގުވާނީ ސިޔާސަތުތައް ކަނޑައެޅުމާއި ޗައިނާގެ އިހުތިސޯސް ހިނގާތަނެއް ކަމަށް އެގައުމުން ގަބޫލުކުރާ ޓައިވާންގެ ކަންތަކާ އެމެރިކާއިން ބެހޭ މައްސަލައިގައެވެ. މީގެ އިތުރުން، އިންޑޯ ޕެސިފިކު ސަރަހައްދުގައި ޗައިނާއިން އަތްގަދަ ކުރާ މައްސަލައަކީ ވެސް ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އޮންނަ ބޮޑު މައްސަލައެކެވެ. އޭގެ އިތުރުން ވިޔަފާރީގެ ރޮނގުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީވެސް ދެގައުމުގެ ދެމެދުގައި ނުހުއްޓި އޮތް ވާދަވެރިކަމެކެވެ.