ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ ގޮއިދޫ ފެނަކަ އާ އިންޖީނުގެއާއި އޮފީސް ހުޅުއްވައިދެއްވާ، ކަނޑިތީމު ފެނުގެ މަޝްރޫއުގެ ނިމުން އިފްތިތާހް ކޮށްދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ފެނަކަ އިންޖީނުގެއާއި އޮފީހަކީ، ދަތި ނުވެ 10 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އިންޖީނުގެއެެއް ކަމަށާއި ކުރިން އަވަށު މެދުގައި ހުރި 18 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އާ އިންޖީނުގެ ބިނާކޮށްފައި ވަނީ، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ.

އާ އިންޖީނުގޭގައި 4 ޖެންސެޓް ބަހައްޓާފައި ވާއިރު މިހާރުގެ ކެޕޭސިޓީއަކީ، 648 ކިލޯވޮޓް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނީ، ފެނަކަ އިންޖީނުގެއާއި އޮފީސް ހުޅުއްވާ ދެއްވުމުގެ އިތުރުން ރައީސް ގޮއިދޫ ކަރަންޓްގެ ވިއުގަ ވެސް އިފްތިތާހް ކޮށްދެއްވާފައި ވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ކަނޑިތީމުގެ ފެނުގެ ނިޒާމަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ޕްލޭނިން މިނިސްޓްރީން، މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ގާއިމް ކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް ތޮރުފުމާއި، ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ހެދުމާއި، އާރްއޯ ޕްލާންޓް ޔުނިޓް އިންސްޓޯލްކޮށް ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ފެން މީޓަރު ބަހައްޓައި ދިނުން ހިމެނެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމި ފެނުގެ ހިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާ ނިމިފައި ވާއިރު، ރައީސް ސޯލިހު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވާ ދެއްވާ، ހިދުމަތްތައް ދަނީ އިފްތިތާހް ކޮށްދެއްވަމުންނެވެ.