ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ޕާޗޭސް ލޯން މެދުވެރިކޮށް އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އެ ލޯންގެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތާއި ގްރޭސް ޕީރިއަޑް އިތުރު ކޮށްފިއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، 2021 ވަނަ އަހަރު ހޯމް ލޯނާއި ފައިނޭންސިންގެ ރޭޓް ވަނީ 9 ޕަސެންޓަށް ދަށްކޮށްފައި ކަމަށާއި މިއީ މިފަދަ ލޯނު ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށެވެ. މި ބަދަލާ އެކު ލޯން އަނބުރާ ދައްކަ މުއްދަތު ވެސް ވަނީ 25 އަހަރަށް ބަދަލުކޮށްފައި ކަމަށާއި އަދި ގްރޭސް ޕީރިއަޑް ވެސް ވަނީ 24 މަހަށް އިތުރުކޮށްފައެވެ.

ކާލް ސްޓުމްކަ ވިދާޅުވީ، މިއަދު މި ގެނެވުނު ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް ފައިދާ ކުރާނެ ކަމަށެވެ.

ލޯންެ އިންޓެރެސްޓް ރޭޓް 9 ޕަސެންޓަށް ދައްކޮށްފައިވާ އިރު 2021 ގެ ކުރިން އިންޓަރެސްތް ރޭޓަކީ 10 ޕަސެންޓެވެ. އަދި ކުރިން ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ފައިނޭންސް އަނބުރާ ދައްކަން ކަނޑައަޅާފައި ވާ މުއްދަތަަކީ 20 އަހަރެވެ. އާމްދަނީ ލިބޭ، 18 އަހަރާއި 60 އަހަރާ ދެމެދު ކޮންމެ މީހަކަށް ވެސް މި ލޯނަށް ކުރިމަތިލެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި މި ލޯނަށް ވަކިން އަދި އެހެން މީހަކާ އެކު ވެސް ކުރިމަތި ލެވޭނެއެވެ.

ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީ އާ އެކު 9 ޕަސެންޓް އިންޓްރެސް ރޭޓުގައެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލް އިން މި ލޯނަށް ގެނައި ބަދަލަށް މިއަދުން ފެށިގެން އަމަލު ކުރަން ވަނީ ނިންމާފައެވެ.