ދުނިޔޭގެ ފުއްޕާމޭގެ ކެންސަރު ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ އެއްވަނަ ދުވަހެވެ. ވޯލްޑް ކެންސަ ރިސާޗް ފަންޑުން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު ފުއްޕާމޭގެ ކެންސަރުގެ 2.2 މިލިއަން ކޭސް ވަނީ ފެނިފައެވެ. މިފަދަ ހާލަތްތަކުގައި އެކަށީގެންވާ އާދަތައް ބޭނުންކޮށްގެން އަމިއްލަ ނަފްސު ރައްކާތެރިކުރުން މުހިންމެވެ. މިފަދަ އެއް އާދައަކީ ފުއްޕާމޭ ސާފުކުރުމެވެ.
އެމްބީބީއެސް، އެފްއީއެމް، އާރްސީޖީޕީ، އިމަޖެންސީ މެޑިސިން (ޔޫކޭ) ޑރ ސުދީރު ރާއީ ބުނިގޮތުގައި "ފުއްޕާމޭގެ ޑިޓޮކްސް" އަކީ ފުއްޕާމެއަށް ލިބޭ ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި ފަރުމާކޮށްފައިވާ ފަރުވާއެއް ނުވަތަ އައިޓަމެކެވެ. "ފުއްޕާމޭ ދޮވުމަކީ ވެސް ނޭވާލުން ފަސޭހަކޮށް، ކެއްސުން ފަދަ އަލާމާތްތައް ކުޑަކުރުމަށް އެހީވެދޭ ކަމެއް" އޭނާ ކިޔައިދިނެވެ.
ޕުނޭގެ ޕިމްޕްރީގައި ހުންނަ ޑީޕީޔޫ ޕްރައިވެޓް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލްގެ ފުއްޕާމޭ ޓްރާންސްޕްލާންޓް ފިޒިޝަން އަދި އިންޓަވެންޝަނަލް ޕަލްމޮނޮލޮޖިސްޓް ޑރ ރާހުލް ކެންޑްރޭ ބުނީ މި ޕްރޮސެސްގެ ސަބަބުން ފުއްޕާމޭ ނުވަތަ ނޭވާލާ ނިޒާމުން ވިހަ މާއްދާތައް ނުވަތަ ގެއްލުންހުރި މާއްދާތައް ނައްތާލެވިދާނެ ކަމަށެވެ.
ޑރ ރާއީ ބުނީ ފުއްޕާމޭ ސާފުކުރުން ނުވަތަ ޑިޓޮކްސް ކުރުމަކީ ސިނގިރޭޓާއި ވޭޕްފަދަ އެއްޗެހި ބޭނުންކުރާ މީހުން އަދި ފުއްޕާމެއަށް ގެއްލުންދޭ ކްލޮރިން، ފޮސްޖީން، ސަލްފަރ ޑައިއޮކްސައިޑް، ނައިޓްރޯޖަން ޑައިއޮކްސައިޑް އަދި އެމޯނިއާ ފަދަ ޖަރާސީމްތަކާއި ކެމިކަލްތަކާއި ގޭސްތައް ކުރިމަތިވާ މީހުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ސިސްޓިކް ފައިބްރޯސިސް، އެސްމާ، އެލާޖީ، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) ނުވަތަ އިންޓަސްޓިޝަލް ފުއްޕާމޭގެ ބަލި (ފުއްޕާމޭގައި ރިއްސުން ނުވަތަ ފައިބްރޯސިސް ޖެހުމަށް މަގުފަހިވާ ގިނަ ބަލިތަކަކަށް އަމްބްރެލާ ޓާމް) ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް ވެސް އެހީވެދެއެވެ.
ޑރ ކެންޑްރޭ ބުނީ ފުއްޕާމޭ ސީދާ "ޑިޓޮކްސް" ކުރެވޭނެ ވަކި ޓެކްނިކްތަކެއް ނުވަތަ އުފެއްދުންތަކެއް ނެތް ނަމަވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ ފުއްޕާމޭގެ ސިއްހަތަށް އެހީތެރިވެދޭނެ ކަމެކެވެ.
ފުއްޕާމޭ ސާފުކުރުމުގެ ރަނގަޅު ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ޑރ ރާއީ ބުނީ މިއީ ބޭސް ނުވަތަ ކޮންކްޝަން ބޭނުން ނުކޮށް ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށެވެ. ފުއްޕާމެއަކީ އަމިއްލައަށް ސާފުކުރާ ގުނަވަންތަކެއް ކަމަށާއި އެ ގުނަވަންތައް އިތުރަށް ތަޣައްޔަރަށް ހުށަނޭޅޭނަމަ، ސާފުކުރުމުގެ މަސައްކަތް އަމިއްލައަށް ކުރާނެކަމަށް ޑރ ރާއީ ބުންޏެވެ.
ފުއްޕާމޭގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި ސަމާލުކަން ދޭންވީ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.
ސިނގިރޭޓާއި ދުރުހެލިވުން
ޑރ ރާއީ ލަފާދިންގޮތުގައި ފުއްޕާމޭ ދުޅަހެޔޮކޮށް ބެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ސިނގިރޭޓް ދުމާއި ވައި ތަޣައްޔަރުވުން ފަދަ ނުރައްކާތެރި ކެމިކަލްތަކުން ދުރުހެލިވުމެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ފުއްޕާމެއަށް ލިބޭ ގެއްލުން ކުޑަކޮށް އަލުން އިއާދަކުރުމަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަމެވެ. ތިން ދުވަސް ނުވަތަ 30 އަހަރު ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް މައްސަލައެއް ނެތެވެ. ދުޅަހެޔޮ ފުއްޕާމެއަށް އެޅޭ ފުރަތަމަ ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުންކަމަށް ޑރ ކެންޑްރޭ ބުންޏެވެ.
ގަވާއިދުން ކަސްރަތު ކުރުން
ޑރ ރާއީ ބުނިގޮތުގައި ފުއްޕާމޭގެ ދާއިމީ ބައްޔެއް ހުރި ނަމަވެސް އާންމުކޮށް ކަސްރަތު ކުރުމަކީ ދުޅަހެޔޮ ދިރިއުޅުމެއްގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
"އެކަށީގެންވާ މިންވަރަކަށް ކަސްރަތު ކުރުމުން ފުއްޕާމޭ ގުދުރަތީ ގޮތުންނާއި ސިއްހަތަށް ފައިދާހުރި ގޮތުން ރަނގަޅުވޭ" ފިޓްނަސް ރެޖިމަން އަށް ބަދަލު ގެނައުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުމަށް ވަނީ ލަފާދީފައެވެ.
ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުން
ރާއީ ބުނި ގޮތުގައި ކެއުމަށް ބަދަލު ގެނައުމަކީ ފުއްޕާމޭގެ ސިއްހަތަށް ވެސް ފައިދާ ކުރާނެ ކަމެކެވެ. "އެންޓިއޮކްސިޑެންޓް ގިނަ ކާނާގެ އިތުރުން ތަފާތު ވިޓަމިންތަކާއި ނިއުޓްރިއެންޓްސް ހިމެނޭ ކާނާ ކެއުމުގައި ހިމެނިއްޖެ ނަމަ ސިކުނޑި އާއި ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ހުންނާނެ" އޭނާ ބުންޏެވެ.
ނޭވާލާ ވަޔަށް ސަމާލުވުން
ނޭވާލާ ވައިގެ ސަބަބުން ފުއްޕާމޭގެ ސިއްހަތަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ފުއްޕާމޭގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންނަމަ ނުރައްކާތެރި ތަޣައްޔަރު މާއްދާތަކަށް ހޭލުންތެރިވެ، އެކަމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަދި ސާފު އިންޑޯ އެއާ ކޮލިޓީ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޑރ ރާއީ ބުންޏެވެ. ތަންތަން ސާފުކުރުމުގައިވެސް އިތުރު ވަސްތައް އެކުލެވިގެން ނުވާ ގުދުރަތީ އުފެއްދުންތައް ބޭނުން ކުރުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.
ފުއްޕާމޭ ސާފުކުރުމުގެ ޓެކްނިކްތަކުގެ ތެރޭގައި ފުން ނޭވާލުމުގެ ކަސްރަތު ކުރުމަކީ ނޭވާލާ ނިޒާމުގެ ސިއްހަތަށް ބައެއް ފައިދާތައް ކުރާނެ ކަމެކެވެ. ނަމަވެސް އާ ސިއްހީ އާދަތަކެއް ކުރުމަށް މަސައްކަތް ކުރުމުގެ ކުރިން ސަމާލުވެ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ ލަފާ ހޯދުމަކީ ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމެކެވެ.