ދެން އަންނަ ވެރިޔަކު ށ. ޅައިމަގަށް ވާނެ އަސާސީ ހިދުމަތްތަކުގެ މާ ބޮޑު ވައުދެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ޅައިމަގުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތަފާތު ކެންޑިޑޭޓުން ވާދަކުރާނެ ކަމަށާއި ވައުދުތައްވެސް ވާނެ ކަމަށެވެ.
އެހެންނަމަވެސް މި ވޭތުވެދިޔަ ތަނުގައި ނުކުރެވި ހުރި ކިތަންމެ ކަމެއް މި ފަސް އަހަރު ތެރޭގައި ކުރައްވަމުން ގެންދަވާ ކަމަށާއި މި ސަރުކާރު އޮންނާނީ "ޓެސްޓު" ކުރެވިފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިދިޔަ ފަސް އަހަރަކީ މީގެ ކުރީގެ 15 އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި ނުކުރި ހުރި އަސާސީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދިޔަ 5 އަހަރުގެ ގޮތުގައި ރައީސް ސޯލިހު ވަނީ ސިފަކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ދެން އަންނަ ވެރިޔަކު މި ރަށަކަށް [ޅައިމަގަކަށް] ވާނެ އަސާސީ ހިދުމަތްތަކުގެ މާ ބޮޑު ވައުދެއް ނޯންނާނެ ކަމަށާއި "ހަދަންޏާ" ހަދަން ޖެހޭނީ ދޮގު ކަމަށެވެ. އަދި ކޮށްދީފައި ހުރި ކަންކަން އެހެން ގޮތަކަށް ކޮށްދިނުމަށް މީގެ ކުރިންވެސް ބައެއް ބޭފުޅުން ވައުދުވެފައިވާ ކަަމަށާއި އެހެންނަމަވެސް ޅައިމަގުގެ ރައްޔިތުންނަކީ އެއަށްވުރެ މާ ވިސްނޭ ބައެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ
ޅައިމަގަކީ އިސްލާހީ މަސައްކަތަށް ނިކުތް ހިސާބުން ފެށިގެން އަބަދުވެސް އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ، ގެނައި ބަދަލުގެ ވަރަށް ބޮޑު ހިއްސާއެއް އަދާކުރަމުން އައި ރަށެއް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ޅައިމަގަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފެށިގެން ނިމެމުންދާ ކަމަށާއި އެގޮތުން ބަނދަރާއި ސިއްހީ މަރުކަޒު ބޮޑުކުރުމާއި ފުޓްސަލް ދަނޑު ގާއިމުކުރުމާއި އާ އޮފީސް އިމާރާތުގެ މަސައްކަތާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ސްކޫލަށް ބޭނުންވާ ކްލާސް ރޫމްގެ މަސައްކަތާއި ކުޑަކުދިން ޕާކްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ބޮޑު ފުޓްބޯޅަ ދަނޑު ގާއިމުކުރުމާއި އައުޓްޑޯ ޖިމްގެ މަސައްކަތާއި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުން ވަނީ ޓެންޑާ މަރުހަލާގައި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ ލިސްޓުގައި ޅައިމަގު ހިމަނާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ އަންނަ ދައުރަށް ކައުންސިލް އިދާރާގެ އާ އިމާރާތެއް އެޅުމާއި މަގުތައް ރަނގަޅު ފެންވަރުގައި ހެދުމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުކުރުމަށް ފްލެޓް ނުވަތަ ރޯ ހައުސް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. އަދި ޅައިމަގު ސިއްހީ ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރުމާއެކު ކުނިކޮށި ގާއިމްކޮށް ދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.