ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގަައި ވާދަ ކުރާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ފުނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރިޔާސީ އިންތިހާބުގައި ތިން ހަތަރު ކެންޑިޑޭޓުން ވާދަ ކުރައްވާ ކަމުގެ އަޑު އިވިވަޑައިގެންފައި ވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަދި ޕީޕީއެމް ފިޔަވާ އެހެން ޕާޓީއަކަށް އެ ބުނާ ވަރުގެ ތާއީދެއް ނެތް ކަމަށެވެ. އެހެންކަމުން 2018ގެ ކުރީގައި ރާއްޖެ އޮތް ހާލަތަށް އެނބުރި ދާނީތޯ ނުވަތަ ރައީސް ސޯލިހް ފައްޓަވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ކުރިއަށް ދާނީތޯ ނިންމާނީ ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ކަމަށެވެ.

އަޅުގަނޑުމެންގެ ވާދަވެރިންނަކީ ކޮބައިތޯ އެބަ ވިސްނާލަން ޖެހޭ. ބައެއް ޕާޓީތަކުން ކުރިމަތިލައްވާ، 3 4 ބޭފުޅެއްގެ ނަން އަޅުގަނޑުމެންނަށް އަޑު އެބަ އިވޭ، އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ހަމަ ވާދަ ކުރާނީ އެމްޑީޕީއާ ޕީޕީއެމް، އެ ނޫން ބަޔަކަށެއް އެ ބުނާ ވަރުގެ ތާއީދެއް އޮތް ތަނެއް އަޅުގަނޑުމެންނަކަަށް ނުފެނޭ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ވޭތުވެދިޔަ ސަރުކާރުގައި ރައްޔިތުންނަށް ކުރިމަތިވި ދަތިއުދަނގުލާއި ތަހައްމަލު ކުރަން ޖެހުނު ހާލަތު ހަދާނުގައި ބަހައްޓަން ވާނެ ކަމަށާއި 9 ސެޕްޓެމްބަރުގައި ނިންމާ ނިންމުމަކީ ރާއްޖޭގެ މުސްތަގްބަލާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް ކަމެއް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ށ ފުނަދޫއިން ރައްޔިތުން ތަރައްގީ ބޭނުންވެފައި ތިބި މިންވަރު ފެނިވަޑައިގެން ދިޔަ ކަމަށެވެ. އަދި ފުނަދޫގެ ރައްޔިތުންނަކީ ރަށުގެ ތަރައްގީއަށްޓަކައި އޭރަކު އޮންނަ ސަރުކާރަކާއެކު ކުރިއަށްދާން ތިބި ބައެއްކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި 141 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމަށް 5.76 ބިލިއަން ރުފިޔާ 141 ހޭދަކޮށްފައިވާ ކަމަށާއި 150 ރަށެއްގައި އިންޖީނުގެ އަޅާ ކޭބަލް ބަދަލުކުރުމުގެ މަސައްކަތް، ލަފާ ފުރުމަށް ދަތިވެފައިވާ 125 ރަށެއްގެ ބަނދަރުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމުގެ 21 މަޝްރޫއެއް ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.