ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، 50 އެނދުގެ އާ ހޮސްޕިޓަލެއް އިމާރާތްކޮށް، ށ. ފުނަދޫގެ ފަޅު ތެރޭގައި އޮންނަ ފަރުކޮޅުން އެ ރަށު މީހުންނަށް އާމްދަނީ ހޯދޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަން ދިފާއު ކުރެއްވުމަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރައީސް އިއްޔެ ފުވައްމުލަކަށް ކެމްޕެއިނަށް ވަޑައިގެން އުޅުއްވުމަށް ފަހު، މިއަދު ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ށ. ފުނަދު އަށް ވައިގެ މަގުން ވަޑައިގެންފައެވެ. ފުނަދޫ ހިމެނޭހެން ށ. އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމަށް ފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ހދ. އަތޮޅުގެ ރަށްރަށަށެވެ.

ފުނަދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، 2018 ވަނަ އަހަރު އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމުގެ ކުރިން އެ ރަށަށް ވެވަޑައިގެންނެވި ވައުދުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު އަލިއަޅުވާލެއްވި ވައުދުތަކުގެ ތެރޭގައި ހިމެނެނީ:

  • އެ ރަށުގައި އަލަށް އާބާދުވި ސަރަހައްދުގައި ނަރުދަމާ ނިޒާމް ގާއިމްކޮށްދިނުން
  • ފެނުގެ ހިދުމަތް ފޯރުކޮށްދިނުން
  • ރަށުގެ ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް 15 ކްލާސްރޫމެއް އިމާރާތްކުރުން
  • ރަށު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުން

މީގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމި، އެހެން ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ފެށި، އަނެއް ބައި މަޝްރޫއުތައް ކޮންޓްރެކްޓަރުންނާ ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ މަޝްރޫއެއް މި ދައުރު ހަމަވުމުގެ ކުރިން ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ފާޑުވިދާޅުވެ، ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން މަޝްރޫއުތައް ހިންގާފައި ވަނީ ތަރުތީބެއް ނެތި ކަމަށެވެ. ފުނަދޫގެ ތާރު އެޅި ސަރަހައްދުން މިސާލު ނަންގަވައި ރައީސް ވިދާޅުވީ، ނަރުދަމާ ހޮޅި އާއި ކޭބަލް ފަދަ ތަކެތި ވަޅުނުލާ ތާރު އަޅައި މަގު ހެދުމުން، ތާރު ކަނޑައި އެ ހޮޅިތައް އަލުން ވަޅުލާން ޖެހުމުން ދެ ގުނަ އަށް ހަރަދު ބޮޑުވެ، އިތުރަށް ހަރަދުތައް ކުރަން ޖެހިފައިވާ ކަމަށެވެ.

އޭގެ ބަދަލުގައި މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ރާވައިގެން ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

އެއަށް ފަހު އެމަނިކުފާނު ވަނީ ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުވެ ވަޑައިގެންފި ނަމަ ފުނަދު އަށް ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ފުނަދޫގެ ހުރިހާ މަގެއްގައި ތާރު އަޅައި ނިންމުން
  • އެ ރަށު ފަޅުގައި އޮންނަ ފަރުކޮޅުން އާންމުންނަށް އާމްދަނީ ލިބޭނެ ގޮތެއް ހަދައިދިނުން
  • ރަށުގެ ބޯހިޔާވަހިކަމަށް ފްލެޓާއި ރޯ ހައުސް އެޅުން
  • ހެޔޮ އަގުގައި މަސްވެރިންނަށް އައިިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓެއް ހެދުން
  • 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅައިދިނުން

ރައީސް ވިދާޅުވީ، ފުނަދޫ ހިމެނޭހެން ބޮޑުތިލަދުންމަތި ސަރަހައްދުގެ ރަށްރަށުގައި ހޮސްޕިޓަލްތައް އިމާރާތްކުރެވި، ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވި، އާރުޓީއެލް ފެރީގެ ހިދުމަތުން މުޅި ސަރަހައްދު ގުޅާލުމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ސަރަހައްދު ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ ކަމަށެވެ.