ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާ ގުޅިގެން ރޭ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ވިލިގިނލީގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައި ވާކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ތިން ފިރިހަނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ މީހަކާ، 24 އަހަރުގެ މީހެއް ގެ އިތުރުން 30 އަހަރުގެ މީހެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު މި މައްސަލައިގައި މީގެ ކުރިން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ސާމްޕަލް ނަގުމަށް ފަހު ދޫކޮށްލިއެވެ.

ފަހަކަށް އައިސް ރާއްޖޭގައިވެސް ރޭޕްގެ މައްސަލަ އާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އަދި ގެވެށި އަނިޔާގެ މައްސަލަ އިތުރުވަމުން އަންނައިރު މިފަދަ އަމަލުތައް ކުރާ ފަރާތްތައް ބަންދުކޮށް އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމުގެ ކަންބޮޑުވުންތައް ގިނައެވެ.