ބަންގްލަދޭޝްގައި ސުލްހަވެރި ސިޔާސީ އެއްވުންތަކާއި ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށާއި އެހެންނަމަވެސް 'ހަރުކަށި' އަމަލުތައް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީގެ ސަޕޯޓަރުން އެ ގައުމުގެ ވެރިރަށް ޑާކާގެ މަގުމައްޗަށް އެއްވެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. އަދި މި މުޒާހަރާ ހޫނުވެ އާންމުން މުދަލާއި ބަސްތަކުގައި ރޯކޮށްލާފައި ވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ޕެޓްރޯލް ބޮންވެސް އުކާފައެވެ. މި މުޒާހަރާގައި ބައިވެރިވި ގިނަ މީހުންނާއި ފުލުހުންނަށްވެސް އަނިޔާވެފައި ވާއިރު މުޒާހަރާ ކޮންޓްރޯލް ކޮށްފައި ވަނީ ރަބަރު ވަޒަނާއި ކަރުނަ ގޭސް ޖަހައިގެންނެވެ.
ބަންގްލަދޭޝްގައި ކުރިއަށް ދިޔަ މުޒާހަރާ އާ ގުޅިގެން އެ ގައުމުގެ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ދުވަހު ހިނގައި ދިޔަ ކަންތައްތަކަކީ އެމީހުންނަށް އިތުރަށް ސަމާލުވުމަށް ލިބުނު އިންޒާރެއް ކަމަށާ ދެން އެ ގައުމުގައި ބާއްވާ ހުރިހާ ސިޔާސީ ހަރަކާތެއްވެސް ވަރަށް ގާތުން ބަލާ މޮނީޓާ ކުރަމުން ދާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް އެއްވެސް ސިޔާސީ ހަރަކާތެއް މަގުމަތީގައި ނުހިންގޭނެ ކަމަށާ، ވެރި ރަށް ޑާކާގެ އެކި ހިސާބުތަކުގައި ޗެކް ޕޯސްޓް ޖަހައިގެން މިކަންތައްތައް ބަލަމުން ދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ވިދާޅުވީ ސިޔާސީ ހަރަކާތުގެ ނަމުގައި އެއްވެސް ކަހަލަ ގާނޫނާ ހިލާފު އަމަލެއް ކުރާނަމަ އެކަން ބަލަން ނުތިބޭނެ ކަމަށެވެ. ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވައި ހޯމް މިނިސްޓަރު ވިދާޅުވީ މަގު ބަންދުކޮށް ހަމަނުޖެހުން ހިންގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ބަންގަލަދޭޝް ސަރުކާރުން ވަނީ ދީފައެވެ.