މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ކުޑަ ނަމަވެސް އުއްމީދެއް އޮތްނަމަ 'ދަ ޑިމޮކްރެޓްސް'ގެ ރިޔާސީ ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
'ދަ ޑިމޮކްރެޓްސް' އާއި ރައީސް ނަޝީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިލްޔާސް އަކީ ސިޔާސީ ގޮތުން ރައީސް ނަޝީދު އަނެއްކާވެސް ގުރުބާން ކުރައްވާ ކަންބަޅިއެއް ކަމަށެވެ. އަދި އިލްޔާސް އަކީ ސީރިއަސް ކެންޑިޑޭޓެއް ނޫން ކަމަށާ މިއީ އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ދަ ޑިމޮކްރެޓްސް އިން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީ އިލްޔާސް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުވެސް އިލްޔާސް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ވާހަކައަށް ރައްދު ދެއްވަމުން މީގެ ކުރިން ޝަރީފް ވިދާޅުވީ އާންމުންނަށް ހުޅުވާލައިގެން ބޭއްވި ޕްރައިމަރީ އަކުން 3000 ވޯޓު ލިބިގެން ކާމިޔާބު ކުރެވުނު ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވުމަކީ ހެއްވާ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު އާއި އިލްޔާސް ލަބީބް އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީއިން ވަނީ އެ ދެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޑިމޮކްރެޓްސްގެ ހަރަކާތްތައް އެ ސިޓީގައި ވަރުގަދަކޮށްފައި ވާއިރު އިލްޔާސް ވަނީ އުފަން އަތޮޅަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.