ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައި ވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގައި 11900 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށް އީސީން ބުނެފިއެވެ.
ރީ ރަޖިސްޓްރޭޝަން ހުޅުވާލަނީ މިމަހުގެ 16 އިން ފެށިގެން ގޮސް އަންނަ މަހުގެ 5 އާ ހަމައަށެވެ. ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރޭޝަން ބަލައިގަންނަނީ 16 ވަނަ ދުވަހުން ފެށިގެން ގޮސް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށް އީސީން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރީ-ރަޖިސްޓްރީވުމަށް އެދި މިމަހުގެ 29 ގެ ނިޔަލަށް ޖުމްލަ 11933 ފޯމު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުށަހެޅި 8624 ފޯމަކާއި، ކަރުދާސް ފޯމުގެ ގޮތުގައި ހުށަހެޅުނު 3309 ފޯމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބް އިތުރަށް ވިދާޅުވީ، ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގައި އެކަނި ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ވެފައިނުވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.