ރ. ދުވާފަރުގައި ދޯންޏެއްގައި ރޯވެގެން ފިހުނު ތިން މީހުންނަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސާޖިކަލް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލް ބުނީ، އަލިފާނުގެ ހާދިސާގައި ފިހުނު ތިން މީހުން އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިއްޔެގެ މެންދުރު ފަހު 2 ޖަހާކަށް ހާއިރު ކަަމަށެވެ. ގެނައި ތިން ފިރިހެނުން ވަނީ ހަށިގަނޑު އެކި ތަންތަން ފިހިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ތިން މީހުންނަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހުންނަށް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ ސާޖިކަލް ވޯޑުގައި އެޑްމިޓް ކޮށްގެން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް އެކަކުގެ ހާލު ސީރިއަސް ކަމަށް ވެސް ބުނެފައި ވެއެވެ.

ފިހިގެން ގެންދިޔަ 3 ފިރިހެނުން ނަކީ ވެސް ދިވެހިންނެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި އަދި 34 އަހަރުގެ މީހެކެވެ.

މި ހާދިސާގައި ފިހުނު ތިން މީހުންގެ ތެރެއިން ހާލު ސީރިއަސް ވެފައިވާ މީހާއަކީ އުމުރުން 34 އަހަރުގެ ފިރިހެން މީހާއެވެ. އޭނާގެ ހަށިގަނޑުގެ 25 ޕަސެންޓް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.