މާލޭގައި މިހާރު ފެތުރެމުންދާ ހޮޑުލައި ބޭރަށްހިންގުމުގެ ރޯގާ ޖެހި އިއްޔެ 1،000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި ކަމަށް ހޮސްޕިޓަލްތަކުން ބުނެފިއެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތަކުން ފެށިގެން ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ބޭރަށް ހިނގާ، ހޮޑުލާތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު މާލޭގައި ހިންގާ ގިނަ ހޮސްޕިޓަލްތައް ތޮށްޖެހުމުން ބައެއް ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް އިތުރު ތަންތަން ވެސް ހަދާފައި ވެއެވެ.

އެޗްޕީއޭއިން ވަނީ ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށް ބުނެފައެވެ.

މި ބަލީގައި އިއްޔެ އައިޖީއެމްއެޗަށް ދެއްކި މީހުންގެ އަދަދު 500 އަށް އަރާފައި ވާއިރު އޭޑީކޭ ހޮސްޕިޓަލަށް އިއްޔެ 296 މީހުން ދައްކާފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ހުޅުމާލެ ހޮސްޕިޓަލަށް އިއްޔެ 257 މީހަކު ދައްކާފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. މި ރޯގާ ޖެހިގެން ސެނަހިޔާ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލަށް ވެސް ވަނީ ގިނަ އަދަދެއްގެ މީހުން ދައްކާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިރޯގާއިން ސަލާމަތް ވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އެޗްޕީއޭއިން ބުނެއެވެ. ސެނެޓައިޒާ ބޭނުން ކުރުމުން އެކަނި ނުފުދޭނެ ކަމަށާއި ސައިބޯނި ލައިގެން އަތް ދޮވުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި ހޭކޭ ތަންތަން ސާފުކުރާ އިރު ސަމާލުވުމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން ޓިޝޫ ނުވަތަ ޕޭޕާ ޓަވަލް އިން ސާފުކޮށް، ރައްކާތެރި ގޮތުގައި އުކާލުމަށް ފަހު، އެތަނަކަށް ބްލީޗް އަޅާފައި 5 މިނެޓް ބެހެއްޓުމަށާއި އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށް ފަހު ސައިބޯނި ނުވަތަ ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރުމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރު ކުރުމުގައި ބައިވެރިނުވުމަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ބުނެއެވެ.