ކ. ހިންމަފުށީގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ، އެ ދޯނި އެއްކޮށް އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ މުއައްސަސާ އަށް އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ 20:20 އެހާއިރު ކަމަށާ، އެ މައުލޫމާތު ލިބުމާއެކު މާލޭގެ ފަޔާ ސްޓޭޝަނުގެ ފަޔަމަނުން ވަނީ އަލިފާން ނިއްވުމަށް ހިންމަފުއްޓަށް ދަތުރުކޮށްފައި ކަމަށެވެ.

މިގޮތުން ރޭ 21:02 ހާއިރު ހިންމަފުއްޓަށް ގޮސް މާލޭ ފަޔަމަނުން ކުރި މަސައްކަތުން، ދޯނީގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 21:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ދޯނި އެއްކޮށް އަނދާފައި ވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މި ދޯނީގައި ރޯވާން ދިމާވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.