މިދިޔަ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރި ކިން ގޭންގް ކުއްލި ގޮތަކަށް މަގާމުން ވަކި ކުރުމަށް ފަހު އޭނާ އާ ގުޅޭ ފަހުގެ ހުރިހާ ލިޔެކިޔުމެއް ވެސް ފުހެލަން ފަށައިފިއެވެ.
އެގޮތުން ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އޭނާއާ ބެހޭ ގޮތުން އަދި އޭނާ ބައިވެރިވެ ވަޑައިގެންނެވި އިވެންޓްތަކާ ގުޅޭ ފަހުގެ ހަބަރުތައްވެސް ވަނީ ފުހެލާފައެވެ. އެ ސައިޓުން މިހާރު ފެނަންނަ ހުރީ ވައިސް ފޮރިން މިނިސްޓަރަކަށް އޭނާ ހުންނެވި އިރު [2020] ގެ ލިޔުންތަކެވެ.
މި މައްސަލައިގައި ޗައިނާގެ ފޮރިން އޮފީހުން ކޮންމެ ދުވަހަކު ބާއްވާ ޕްރެސްގައި ނޫސްވެރިއަަކު ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާން ވިދާޅުވީ، އޭނާ މަގާމުން ވަކިކުރަން ނިންމީ އެންމެ މަތީ ކައުންސިލުން ކަމަށާއި އޭގެ އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތް ކަމަށެވެ. ތަކުރާރު ކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް ރިކޯޑްތައް ފުހެލުމާ ބެހޭގޮތުން އޭނާ ކޮމެންޓެއް ނުކުރެއްވިއެވެ.
ކިން ގޭންގް އަކީ، ޗައިނާގައި އަރަމުން އައި ސިޔާސީ ޝަހުސިއްޔަތެކެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގަޔާވެ ވަޑައިގަންނަވާ ބޭފުޅެއްގެ އިތުރުން އޭނާ މަޝްހޫރުވެފައި ވަނީ ޗައިނާއިން ގެންގުޅޭ ހަރުކަށި ސިޔާސަތު ކުރިއަރުވާ "ވޮލްފް ވޮރިއާ" ގެ ގޮތުގައެވެ.
އުމުރުން 57 އަހަރުގެ ގޭންގް އަކީ ފޮރިން ރިލޭޝަންސްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. 1980 އިން ފެށިގެން އޭނާ ހިދުމަތް ކުރައްވަމުން ގެންދެވީ އެދާއިރާގައެވެ.
ޗައިނާ ސަރުކާރުގެ މީޑިއާ އިން ބުނީ، ހާރިޖީ ވަޒީރު ކިން ގޭންގް މަގާމުން ދުރުކޮށް އެ މަގާމަށް ވެންގް ޔީ މިހާރު އައްޔަން ކޮށްފައި ވާ ކަމަށެވެ.
ގޭންގް އަކީ ނުފޫޒު ގަދަ ފޮރިން މިނިސްޓަރެއް ނަމަވެސް އެންމެ ފަހުން އޭނާ އާންމުންނަށް ފެނިފައި ވަނީ ރަޝިއާ އާއި ވިއެޓްނާމް އަދި ސްރީލަންކާގެ އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާ ތަކުގައެވެ. އޭގެ ފަހުން ފެނިފައެއް ނުވެއެވެ. ގޭންގް ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއް އެންމެ ފަހުން އެގައުމުގެ ޓީވީން ދެއްކީ ޖޫން 25 ވަނަ ދުވަހުއެވެ. އެއީ މޮސްކޯ ހިފަން ހަމަލާދޭން އުޅުނު ވާގްނާ ގްރޫޕު އަނބުރާ ކޭމްޕުތަކަށް ދިޔަތާ 48 ގަޑިއިރު ވެސް ނުވަނީސް ޗައިނާ އަށް ވަޑައިގެންނެވި ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަންޑްރޭ ރުޑެންކޯ އާއެކު ބޭއްވެވި ބައްދަލުވުމެކެވެ.
އޭގެ ފަހުން ޖުލައި 4 ގައި ގޭންގް އާއި ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންނާ ދެމެދު ބޭއްވުމަށް ތާވަލު ކުރި ބައްދަލުވުން ވަނީ ވަކި އެއްޗެއް ނާންގާ ސަރުކާރުން ކެންސަލް ކޮށްފައެވެ. އޭގެ ފަހުން ސިއްހީ ސަބަބުތަކަށްޓަކައި އާސިއާންގެ އިސްވެރިންގެ ބައްދަލުވުމަށް ވެސް އޭނާ ވަޑައިނުގަންނަވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލިއަކަށް ގެއްލުމަކީ ޗައިނާގައި އާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް ސިޔާސީ އިސް ބައެއް ފަރާތްތަކާއި ބައެއް ބިލިއަނަރުންވެސް ވީނުވީއެއް ނޭނގި އެތައް ޒަމާނަކަށް ގެއްލިފައި [އަޑެއް ބަޑެއް ނީވި] ވެއެވެ.