ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ހުވަނދުމާ ހިނގުމުގައި ފިލިގަސް މަގު ގުޅޭ ހިސާބުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 11:54 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށާއި އެއީ 20 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 2 މީހުންގެ ހާލަތު އޮޅުން ފިލުވުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މާލެ ސަރަހައްދުގައި މިހާރަކަށް އައިސް މިފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާކަން ފާހަގަ ކުރެވެއެވެ. އަދި މިހެން ހިނގާ އެކްސިޑެންޓް ތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބޭ އިރު، ބައެއް މީހުން އެކްސިޑެންޓްގައި ލިބޭ އަނިޔާތަކުގެ ސަބަބުން މަރުވެފައި ވެސް އެބަ ހުއްޓެވެ.

އެކްސިޑެންޓްތައް މަދު ކުރުމަށް މަގުމަތީގައި އުޅަނދު ދުއްވުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އޯވާ ޓޭކް ނުކުރުމާއި، ސްޕީޑް ހުންނަން ޖެހޭ ލިމިޓަށް ވުރެ މައްޗަށް ނުގެން ދިއުމާއި، ލައިސަންސް ނެތި އުޅަނދު ނުދުއްވުމަކީ ސަމާލުކަން ދޭން ޖެހެއެވެ.