ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ގަޔަށް ގަލާއި ފުޅި އުކި ކަމަށް ތުހުމަތުކޮށް، މީހެއްގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އަށް މީހެއްގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރު ކޮށްފައި ވާއިރު އެ އެންމެންގެ މައްޗަށްވެސް ވަނީ އަމުރަށް ނުކިޔަމަންތެރި ވުމާއި ފުލުހުންގެ ދައުރަށް ހުރަސް އެޅުމާ އަދި އެއްވުން މަނާ ސަރަހައްދަކަށް އެއްވެ އުޅުމުގެ ތުހުމަތު ކޮށްފައެވެ.

އެ މައްސަލައިގައި ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔަ 8 މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ފުޅި އުކި ކަމަށް ތުހުމަތު ކޮށްފައެވެ. އޭގެ ތެރެއިން ފުލުހުންގެ ބަޔާނަށް ބެލުމަށްފަހު 21 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ޖަހާފައި ވާއިރު ކޯޓުން ވަނީ އޭނާގެ ބަންދު އިތުރަށް ދަމަހައްޓަށް ހުށަހަޅާނަމަ ތުހުމަތާ ގުޅޭގޮތުން ސީސީޓީީވީ ފޫޓޭޖްތައް ހުށަހެޅުމަށް ފުލުހުންނަށް އަމުރު ކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދާ ގުޅޭ ފޯމްގައި އެފަދަ ކަންކަން ފާހަގަކޮށްފައި ނުވާ ކަމަށް ބަންދު އަމުރުގައި ވަނީ ބުނެފައެވެ. ފުލުހުން މި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ.