ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ފޮނުވި ނަމަވެސް، ފަހު ވަގުތު ކެންސަލް ކުރުމަށް ފަހު ޓީވީ މެދުވެރިކޮށް މިރޭ ދެއްވި ހާއްސަ މެސެޖުގައި މުއިއްޒު ވިދާޅުވީ ޔާމީން އަކީ އަބަދުވެސް އެނާ ލޯބިވެވަޑައިގަންނަވާ އަދި ކަމޭހިއްތަވާ ބޭފުޅެއް ކަމަށާއި އެކަމުގައި އެއްވެސް ޝަރުތެއް ވެސް ނެތް ކަމަށެވެ. އަދި ކުރިންވެސް މިހާރުވެސް އަދި މާދަންވެސް ހުންނަވާނީ ޔާމީންގެ ވަފާތެރިއެއްގެ ގޮތުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ޔާމީން އަކީ އެންމެ ކަމުދާ ޝަހްސިއްޔަތުކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ގައުމަށް ހިދުމަތް ކޮށްދެއްވޭނެ ލީޑަރަކީ އޭރުވެސް އަދި މިހާރުވެސް ޔާމީން ކަމަށާއި ވެރިކަމުގައި ހުންނެވި އިރުވެސް އެމަނިކުފާނަކީ ހައްގުބަސް ވިދާޅުވުމުގައި ލާމަސީލު މިސާލެއް ކަމަށެވެ. އަދި ޔާމީން އަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް ވިދާޅުވެ މުއިއްޒު އިތުރަށް ވިދާޅުވީ ޔާމީން މިނިވަން ކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށާއި އެއީ މައުސޫމް ބޭފުޅޭއް ކަމަށެވެ.

"ގާތް ގަނޑަކަށް 1000 ދުވަސް މިވަނީ ނުހައްގުން ޖަލުގައި ހުންނަތާ، ތިން ފަހަރު މަތިން ހައްޔަރުކޮށްފި. އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ މެންބަރުންގެ އަޒުމަކަށް ވާންޖެހޭނީ މި ހުތޫރަތްތެރި ދަޑިވަޅުގައިވެސް އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް" މުއިއްޒު ވިދާޅުވިއެވެ.

އަދި ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ބޭފުޅަކީ ޔާމީން ކަމަށާއި އެ ކަމަށް ހުރަސް އެޅުމުގެ ބަދަލުގައި އެމަނިކުފާނަށް ފުރިހަމަ ސަޕޯޓު ދިނުމަށް ޕާޓީގެ މެންބަރުންނަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ. އަދި އެފަދަ އަމަލެއް [ދޭތެރެ ޖެހޭ ކަހަލަ ކަމެއް] ކޮންމެ މީހަކު ކުރި ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް މިރޭވެސް މުއިއްޒު ވަނީ ހުންނަވާނީ ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ފޯމް ފުރުއްވާފައި ވާއިރު އިންތިހާބީ އެޖެންޓްވެސް ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ވަނީ ބޭރުކޮށްލާފައެވެ.

މިއާއެކު ޕީޕީއެމްގެ ޓިކެޓް ހޯދަން އެކި ބޭފުޅުން އުޅުއްވާ ކަމަށް އަޑުފެތުރިފައިވާ މި ދަނޑިވަޅުގައި ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން މުއިއްޒަކީވެސް ތުހުމަތުގެ ލިސްޓުގެ ކުރީގައި އޮތް ބޭފުޅެކެވެ.

ޓިކެޓުގެ ވާހަކަ ނުދައްކަވައި މިރޭ މުއިއްޒު ހާމަކޮށްދެއްވީ ޔާމީނަށް އޮތް ވަފާތެރިކަމާއި ލޯތްބެވެ.