ވިލާ މާޓުން ދެ ޝޭމްޕޫ ފުޅި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު، 32 އަަހަރުގެ ދިވެހި ފިރިހެނަކުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަން ހިނގިގޮތް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާއިރު އެ އަމުރުގައި ބުނެފައިވަނީ އެ މީހާ މަޖީދީމަގު ވިލާމާޓް ފިހާރައިން ވިއްކާ ދެ ފުށި ޝޭމްޕޫ އޭނާގެ ހެދުމުގެ ތެރެއަށްލާތަން ފެނުމުން ހުއްޓުވާ، ސުވާލުކުރުމުން އުޅުނީ އަގު ބަލަން ކަމަށް ބުނެފައިވާ ކަމަށެވެ.

ކޯޓުން ބުނީ އެ މީހާ ހައްޔަރުކުރެވިފައިވަނީ ހައްޔަރުކުރުމުގެ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށާއި އޭނާއަކީ މި އަހަރު އެކަނި ވެސް ވައްކަމުގެ ރެކޯޑު ގިނަ މީހެއް ކަމަށެވެ. އެގޮތުން އެކި ފިހާރަތަކުން ވައްކަންކުރުމާއި ހައްޔަރުކުރުމާއި ބަންދު ރެކޯޑު ހިމެނޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.