ކާބަފައިން ބިނާ ކުރި ގައުމިއްޔަތު އާރާސްތުކޮށް ދަމަހައްޓަން މިއަދު އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ މި ފަހުރުވެރި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައި ވެއެވެ.

އަދި މިއަދު އަޒުމު ކަނޑައަޅަންވީ މިނިވަންކަމުގެ ބިންގަލުގެ މަތީގައި ކާބަފައިން ބިނާކުރި ދިވެހި ގައުމިއްޔަތު އާރާސްތުކޮށް ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު 6 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ބާއްވާފައިވާއިރު ރައީސްގެ ދެކަނބަލުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. މީގެ އިތުރުން ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުމާއި އެކިއެކި ބޭފުޅުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

މިނިވަން ދުވަހަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެެވެ. އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ ޑިސެމްބަރު 16, 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ އިއްޒަތްތެރި ކްއީން, ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާއި ދެމެދު އާދެ، ދެގައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ.

ނަމަވެސް، ޖުލައި 26, 1965 ވަނަ އަހަރު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލު ކުރީއެވެ.