ވޯނާ ބްރަދާސްގެ "ބާބީ" ލައިވް އެކްޝަން ފިލްމު ރިލީޒްކުރުމުގެ މާކުރިން ބާބީ ޓްރެންޑް އައިސްފިއެވެ.

ފިލްމު ރިލީޒްކުރަން މަހަކަށްވެފައި އޮއްވާ މުޅި ޓިކްޓޮކްގައި ވެސް ބާބީ ޓްރެންޑް ވައިގައި ހިފާލިއެވެ. ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ. ޒުވާނެއް މުސްކުޅިއެއް ކިޔާނެ ކަމެއް ނެތެވެ. އަދި އަންހެނެއް ފިރިހެނެއްވެސް ކިޔާނެ ކަމެއް ނެތެވެ. ފިލްމު އެންމެ ފުރަތަމަ ޕްރިމިއާކުރި އިރު މި ފިލްމު ކްރިޓީކުންނަަށް ދައްކާލިއިރުވެސް މި ފިލްމު އެމީހުންނަށް ވަރަށް ކަމުދިޔައެވެ. އޭރު ބެލެވުނީ މި ފިލްމު ވެގެންދާނީ ވަރަށް ކާމިޔާބު ފިލްމަކަށްކަމަށެވެ. ކަންތައް ވެގެން ދިޔައީ ވެސް އެހެނެވެ. ފިލްމު ސިނަމާގައި އެޅުވި ފުރަތަމަ ދުވަހު ވެސް އެންމެން ކަހަލަ ގޮތަކަށް ފިޔާތޮށި ކުލައިގެ ހެދުން އަޅައިގެން ފިލްމު ބަލަން ސިނަމާއަށް ވަނެވެ.

މާލޭ އަދި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި މި ފިލްމު ބަލަން ވަންނަން ބުކިން އަށް ހުޅުވާލުމުން ޝްވެކް ސިނަމާގެ އެޕްލިކޭޝަންވެސް ޖޭމްވިއެވެ. ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ތިބި އެންމެން އެއްފަހަރާ ފިލްމުގެ ޓިކެޓް ބުކްކުރަން އެޕްލިކޭޝަނަށް ވަނެވެ. ދިވެހިން ވެސް މި ފިލްމަށް ދިޔައީ ވަރަށް ހެދިލައިގެންނެވެ. ފިޔާތޮށި ހެދުން އަޅައިގެންނެވެ. އަންހެން އަދި ފިރިހެން ކުދިން ވެސް މެއެވެ. މި ފިލްމު ރިލީޒްކުރިތާ ތިން ދުވަސްވީއިރު މި ފިލްމަށް 155 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބުނެވެ. މިއާއެކު މި ފިލްމު ތާރީހުގެ ތެރެއަށް ވަނެވެ. އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި 182 މިލިއަން ޑޮލަރު ލިބި، މި ފިލްމަށް ޖުމްލަކޮށް ތިން ދުވަހުން 337 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. އެއާއެކު މި ފިލްމު އުފައްދަން ކުރި ހޭދަ އެއްކޮށް ކަވަރ ވީއެވެ. ފިލްމުގެ ބަޖެޓަކީ 145 މިލިއަން ޑޮލަރެވެ.

މި ފިލްމުގައި ބާބީގެ ރޯލުން ފެނިގެން ދަނީ މަޝްހޫރު ބަތަލާ މާގޯ ރޯބީއެވެ. އަދި ކެން ގެ ކެރެކްޓާ ކުޅުނީ ހުނަރުވެރި އެކްޓަރު ރަޔަން ގޯސްލިން އެވެ. މިދެތަރިންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންނަކީ އެމެރިކާ ފެރެރާ، ސިމޫ ލޫ، ޑުއާ ލިޕާ، އެމަރަލްޑް ފެނެލް، އިސާ ރޭ، ކޭޓް މެކިނަން، މައިކަލް ސެރާ އަދި ވިލް ފެރެލް އެވެ.