ޕްރޮޑަކްޝަން ހައުސް ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމު "ފްރީ ޑެލިވަރީ"ގެ ޓީޒާ އާންމު ކޮށްފިއެވެ.

2019 ވަނަ އަހަރު ކާމިޔާބު ފިލްމު "ބަވަތި" ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ޑައިރެކްޝަނެއް ކަމަށްވާ ފްރީ ޑެލިވަރީ އަކީ ބޮޑު ކާސްޓަކާއެކު ގެނެސްދޭ ފިލްމެކެވެ. މި ފިލްމުވެގެންދާނީ އިއްލެގެ ތިން ވަނަ ފީޗާ ފިލްމަށެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ފިޔަޖަހަމުން އަންނަ ތަރިން މި ފިލްމުން ފެނިގެންދާއިރު ފިލްމުން އާމޫނުތަކެއް ވެސް ފެނިގެންދާނެއެވެ. ރޮމޭންޓިކް ކޮމެޑީ ޖޯންރާ އަށް ތައްޔާރުކުރާ ފިލްމުގެ ބައެއް ތަރިންނަކީ ވާޝިޔާ މުހައްމަދު، ޝާރިފު އަހުމަދު، އިފްނާޒް ފިރާގު، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އައިޝާ، ނުޒުހަތު އަދި މަރިޔަމް ވަހީދާ އެވެ.

ކަޒްމިކް އިންޓަނޭޝަނަލް އިން މީގެ ކުރިން ގެނެސްދިން އުފެއްދުންތަކުގެ ތެރޭގައި "މަޒުލޫމް" އަދި "ދަރަކަ" ހިމެނެ އެވެ. މި ދެ ސީރީޒަކީ ވެސް އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަ ދެ ސީރީޒެވެ. "ފްރީ ޑެލިވަރީ" ގެ މަސައްކަތް އިއްލެ ކުރަމުން އަންނައިރު އޭނާ އަންނަނީ އޭނާގެ ދެވަނަ ފީޗާ ފިލްމު "ނީނާ" ގެ ޕްރިމިއާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަންނަ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ.

މި ފިލްމަކީ ނުޒޫގެ ތަފާތު ލުކް ތަކެއް ފެނިގެންދާނެ ފިލްމެއް ވެސްމެއެވެ. "ނީނާ"ގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަން ފަށާފައިވާއިރު މި ފިލްމުގެ ޓިކެޓްގެ އަގަކީ 150 ރުފިޔާއެވެ.