ޗައިނާ ސަރުކާރުގެ މީޑިއާ އިން ބުނީ، ހާރިޖީ ވަޒީރު ކިން ގެންގް މަގާމުން ދުރުކޮށް އެ މަގާމަށް ވެންގް ޔީ އައްޔަން ކޮށްފި ކަމަށެވެ.
ޒިންހުއާ އިން ބުނެފައި ވަނީ އެ ނިންމުން ނިންމާފައި ވަނީ ޗައިނާގެ އެންމެ މަތީ ބާރުތަކުން އެކުލަވާލާފައި އޮންނަ ކޮމިޓީން މިއަދު ކަމަށާއި އެ ގޮތަށް ނިންމީ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ގެންގް އަކީ ނުފޫޒު ގަދަ ފޮރިން މިނިސްޓަރެއް ނަމަވެސް އެންމެ ފަހުން އޭނާ އާންމުންނަށް ފެނިފައި ވަނީ ރަޝިއާ އާއި ވިއެޓްނާމް އަދި ސްރީލަންކާގެ އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާތަކުގައެވެ. އޭގެ ފަހުން ފެނިފައެއް ނުވެއެވެ.
މިދިޔަ ޑިސެމްބަރު މަހު ހާރިޒީ ވަޒީރުކަމަށް އައްޔަން ކުރި ގެންގް ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއް އެންމެ ފަހުން އެގައުމުގެ ޓީވީން ދެއްކީ ޖޫން 25 ވަނަ ދުވަހުއެވެ. އެއީ މޮސްކޯ ހިފަން ހަމަލާދޭން އުޅުނު ވާގްނާ ގްރޫޕު އަނބުރާ ކޭމްޕުތަކަށް ދިޔަތާ 48 ގަޑިއިރު ވެސް ނުވަނީސް ޗައިނާ އަށް ވަޑައިގެންނެވި ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަންޑްރޭ ރުޑެންކޯ އާއެކު ބޭއްވި ބައްދަލުވުމެކެވެ.
އެގެ ފަހުން ޖުލައި 4 ގައި ގެންގް އާއި ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންނާ ދެމެދު ބޭއްވުމަށް މތާވަލު ކުރި ބައްދަލުވުން ވަނީ ވަކި އެއްޗެއް ނާންގާ ސަރުކާރުން ކެންސަލް ކޮށްފައެވެ. އޭގެ ފަހުން ސިއްހީ ސަބަބުތަކަށްޓަކައި އާސިއާންގެ އިސްވެރިންގެ ބައްދަލުވުމަށް ވެސް އޭނާ ވަޑައިނުގަންނަވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ބައެއް ހަބަރުތައް ބުނާގޮތުން، އޭނާ މަގާމުން ދުރުކުރީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑާޝިޕުން އޭނާ އާ މެދު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ. ނަމަވެސް ސަބަބެއް ސާފެއް ނުވެއެވެ.
އުމުރުން 57 އަހަރުގެ ގެންގް އަކީ ފޮރިން ރިލޭޝަންސްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. 1980 އިން ފެށިގެން އޭނާ ހިދުމަތް ކުރައްވަމުން ގެންދެވީ އެދާއިރާގައެވެ. އަދި އޭނާ އަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ "ފޭވަރިޓް" ކެންޑިޑޭޓެއް ކަމަށާއި އެ ޕާޓީގެ ތެރޭގައި މަގުބޫލު ބޭފުޅެއް ކަމަށް ވެސް އަޑުތައް އަރާފައި ވެއެވެ.
މިފަހުން އޭނާ މަޝްހޫރުވެގެން ގޮސްފައި ވަނީ ވެސް ޗައިނާއިން ގެންގުޅޭ ހަރުކަށި ސިޔާސަތު ކުރިއަރުވާ "ވޮލްފް ވޮރިއާ" ގެ ގޮތުގައެވެ.
އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލިއަކަށް ގެއްލުމަކީ ޗައިނާގައި އާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް ސިޔާސީ އިސް ބައެއް ފަރާތްތަކާއި ބައެއް ބިލިއަނަރުންވެސް ވީނުވީއެއް ނޭނގި އެތައް ޒަމާނަކަށް ގެއްލިފައި [އަޑެއް ބަޑެއް ނީވި] ވެއެވެ.