ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތަކާ ގުޅުވާ ރައީސް މުހައްމަދު ނަޝީދު ޖޯކު ޖައްސަވައިފިއެވެ.
މިރޭ ބޭއްވި ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހިންގަމުން ދަނީ ވައުދެއް ވެގެން އެ ވައުދެއް ފުއްދުމަށް 5 އަަހަރުގެ މުއްދަތެއް ކަމަށާއި ރައީސްއަކު ހުވާކުރަނީ ރައްޔިތުންނަށް ހުށަހެޅި ހުށަހެޅުންތަކާ އެއްގޮތަށް ވެރިކަމުގެ 5 އަހަރު ކުރިއަށް ގެންދަން ކަމަށެވެ. އަދި މިދިޔަ 5 އަހަރު އެ ހުވައާ ހިލާފު ވަމުންދާތަން ކިތަންމެ ވަރަކަށް ވެސް ފެނިވަޑައިގެންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ މެނިފެސްޓޯއާއި އިއްތިހާދުގެ ވައުދުތައްވެސް ދޫކޮށްލާފައިވާ ކަމަށާއި ސަރުކާރުން އެކަންކަން ދޫކޮށް އުޅުނީ މުޅިންވެސް އެހެން މަސައްކަތްތަކުގައި ކަމަށާއި މިސްރާބު ޖަހަމުން ގެންދަނީ ވައްކަމާއި ހީލަތްތެރިކަމާއި ކޮރަޕްޝަންގެ ވިޔާނުދާ އަމަލުތަކުގެ ތެރެއަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ ބާވަތުގެ އަމަލުތަކަކީ އެއްވެސް އިރެއްގައި ވަރިހަމަކޮށްގެން ތިބެވޭނެ ބާވަތުގެ ކަންކަމެއް ނޫން ކަމަަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަކުރާރުކޮށް ރައީސް ސޯލިހަށް އެކަންކަން އެމަގަށް ނުގެންދެވުމަށް އެދިވަޑައިގެން، އާދޭސްވެސް ކުރެއްވި ކަމަށެވެ.
ފެނާއި ނަރުދަމާއި ފުޓްސަލް ދަނޑާއި މަލްޓި ޕާޕަސް ހޯލާއި ބޮޑުހިލަ ބަނދަރުވެސް ރައްޔިތުން ބޭނުން ކަމަށާއި އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދެނީ ވީ ވައުދަށްޓަކައި ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅަށް ހިންގާ މަސައްކަތް ހިންގަނީ ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް ވެވަޑައިގެން ވައުދުފުޅު އެއްފަރާތް ކުރައްވާ އެހެން ކަންތައްތަކުގެ ތެރެއަށް ދިއުމުން އެއީ ދިވެހިންނަށް ބަލާ ނުގަނެވުނު ކަންކަން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ވައުދުފުޅުތައް ވަމުން ގެންދަވާއިރު ކައިރިން ދާ މީހަކު ފުޓްސަލް ދަނޑެއްގެ ވާހަކަ ބުނެފިނަމަ އެ ވައުދުފުޅު ވެވަޑައިގަންނަވާ ކަމަށާއި ޓީޗަރަކު އަތް ހިތްލާ ލާ އިރަށް މަލްޓި ޕާޕަސް ހޯލެއްގެ ވާހަކަ ވިދާޅުވެ އެއީވެސް ވައުދުފުޅަކަށަ ހައްދަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެއީ މުޅިންވެސް ސިޔާސީ ވައުދުފުޅުތައް ކަމަށާއި އިންތިހާބު ކާމިޔާބު ވާނީ ވީ ވައުދަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުވާނީ ވާން އޮތް ގޮތަކަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.