މަޝްހޫރު ބޯއީ ބޭންޑް ވަން ޑިރެކްޝަން އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޒޭން މާލިކް ލަވައެއް ނެރެފިއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ލަވައެއް ނުނެރި ހުރުމަށްފަހު ޒޭން ދާދިފަހުން ނެރުނު ލަވައަކީ "ލަވް ލައިކް ދިސް" އެވެ. ލަވައިގެ އޯޑިއޯ އަދި ވީޑިއޯ ވެސް މިހާރު ޔޫޓިއުބުން ބަލައިލެވޭނެއެވެ. ޒޭން އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ލަވަކިޔުންތެރިއެވެ. 3.6 މިލިއަން ވިއުސް މިހާތަނަށް މި ލަވައަށް ލިބުނުއިރު މި ލަވަ ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަޝްހޫރުވާން ފަށައިފައެވެ. ތިން މިއުޒިކް އަލްބަމެއް ޒޭންގެ މިއުޒިކް ކެރިއަރުގައި ނެރުނު އިރު އޭނާ އެންމެ ފަހުން ނެރުނު އަލްބަމް ނެރުނީ 2021 ވަނަ އަހަރުއެވެ.

2015 ވަނަ އަހަރު ވަން ޑިރެކްޝަން އިން ވަކިވެ އަމިއްލަ މިއުޒިކަށް ސަމާލުކަން ދިން ޒޭން އަކީ އާންމުގޮތެއްގައި މީޑިއާ އާ ވަރަށް ބީރަށްޓިހި ސެލެބްރިޓީއެކެވެ. ނަމަވެސް ހަ އަހަރުފަހުން މި މަހު ޒޭން ވަނީ ޕޮޑްކާސްޓަކަށް އޭނާގެ އިންޓަވިއުއެއް ދީފައެވެ. އުމުރުން 30 އަހަރުގެ ޒޭންގެ އަންހެން ދަރިފުޅެއް ހުރެއެވެ. ހައި ހަދީދް މާލިކްގެ ނަމުން ނަންދީފައިވާ މި ކުއްޖާ އަށް މިއަހަރު ދެ އަހަރު ފުރޭނެއެވެ. ހައި އަކީ ޒޭން އާ މަޝްހޫރު މޮޑެލް ޖީޖީ ހަދީދުގެ ގުޅުމަށް ލިބުނު ކުއްޖެކެވެ. ނަމަވެސް ދަރިފުޅަށް އަހަރުވީތަނާ މިދެތަރިން ވަކިވިއެވެ.

އޭގެ ފަހުން ޒޭން އާއި ސެލީނާ ގޯމޭޒް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އަޑުފެތުރުނު ނަމަވެސް ވަކި ހިސާބަކުން އެވާހަކަތައް އެއްކޮށް ހިނދުނެވެ.