އައްޑޫގެ އެކި ރަށްތަކުން ގޯތި ލިބޭ މީހުންގެ ލިސްޓް އަންނަ މަހު އާންމު ކުރާނެ ކަަމަށް އެ ރަށު ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ، 1000 ގޯއްޗައް ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް 4000 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަަމަށެވެ. އަދި ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުން ލަސްވެފައި ވަނީވެސް އެހާ ގިނަ ފޯމު ތަކެއް އިވެލުއޭޓް ކުރުމަށް ގިނަ ވަގުތު ނަގާތީ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި މިހާރުގެ އަމާޒަކީ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު އާންމުކުރުން ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. ހިތަދޫއިން 2000 އަށްވުރެ ގިނަ ފޯމު ލިބިފައިވާ ކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ ހިތަދޫ ފޯމުތަކުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ގޯއްޗައް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ގޯތިތައް ބެހުމަށް ނިންމާފައި ވަނީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

އައްޑޫ ސިޓީ ހިތަދޫއިން ހިއްކަން ފަށާފައިވާ ސަރަހައްދު/ފޮޓޯ: ސިނާން

ގޯތި ދިނުމަށްޓަކައި އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވާއިރު ޖުމްލަ 1.1 ބިލިއަން ޑޮލަރު ހަރަދުކޮށް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިއާއެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.