މިހާތަނަށް އެއްވެސް ބަޔަކު އާންމުކޮށް ނުތޮރުފާހާ ފުނަށް، ބިމުގެ ހިލަ އާނުފަށަލަ ޗައިނާއިން ތޮރުފާލައިފިއެވެ.

ޗައިނާއިން ތޮރުފާލި ލޯވަޅުގެ ފުންމިނަކީ 34،514 ފޫޓެވެ. ޗައިނާގެ ހުޅަނގުދެކުނު ބިތުގައި އޮންނަ ސީޗުއާންގައި ހިންގާ ހާއްސަ ތަހުލީލަކަށް ޗައިނާއިން މި ލޯވަޅު [ބޯހޯލް] ތޮރުފާލި އެއް ބޭނުމަކީ ނެޗުރަލް ގޭސް ހޯދުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެސަރަހައްދަކީ ޗައިނާގެ އިންޖިނޭރުން އާންމުކޮށް ގޭހުގެ މަސައްކަތް ކުރާ ސަރަހައްދެކެވެ.

މި ބޯހޯލާ ގުޅޭ މައުލޫމާތު އާންމު ކުރަމުން ޗައިނާގެ މީޑިއާތަކުން ބުނެފައި ވަނީ މިފަދަ ދެވަނަ ބޯހޯލެއްގެ މަސައްކަތް ހުޅަނގު އުތުރު ޓަރިމްގައި ވެސް ކުރަމުން ދާ ކަމަށާއި އެ ބޯހޯލް ތޮރުފަން ނިންމާފައި ވަނީ ފުރަތަމަ ބޯހޯލް އަށް ވުރެ ފުނަށް 36،417 ފޫޓަށް ކަމަށެވެ.

މި ދެ ބޯހޯލަކީ ދުނިޔޭގައި އެންމެ ފުނަށް ތޮރުފާ 2 ބޯހޯލުގެ ތެރޭގައި ހިމެނޭނެ ދެ ބޯހޯލަށް ވީ ނަމަވެސް މިއަށް ވުރެ ފުނަށް ތޮރުފައިވާ ބޯހޯލެއް ރަޝިއާގައި ވެއެވެ. އެއީ ސޯވިއެޓް އެއްކޮށް އޮތް އިރު އެގައުމުގެ ސައިންޓިސްޓުން ރަޝިއާގެ ހުޅަނގު އުތުރު ބިތުގައި ތޮރުވި ލޯވަޅެކެވެ. 20 އަހަރުގެ މަސައްކަތުން ތޮރުފި އެ ލޯވަޅުގެ ފުންމިނަކީ 40،229 ފޫޓެވެ.

މި ބޯހޯލްތަކުގެ ފުންމިނުގެ އަންޒާދާއެއް ދޭނަމަ އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓް އަށް ވުރެވެސް ފުންމިނެކެވެ. އެފަރުބަދަގައިގެ މަތިން ތިރިއަށް ހުންނަނީ 28،871 ފޫޓެވެ.

އިންސާނުން ހަނދަށް ދިޔުމުގައި ކާމިޔާބީ ވަނީ ހޯދާފައެވެ. ނަމަވެސް ބިންގަނޑު ކޮނުމާއި ތޮރުފާ ހެދުމުގައި އާންމުކޮށް އެންމެ ފުނަށް ވެސް ތޮރުފަނީ މަތީގައި އޮންނަ މަޑު އާނު ފަށަލައިގެ އަޑިން އޮންނަ އާނާ ހަމައަށެވެ.

މި ބޯހޯލްތައް ތޮރުފަނީ ޗައިނާގައި ތެލުގެ މަސައްކަތް ކުރާ ސަރުކާރުގެ މައި ދެކުންފުންޏަކުންނެވެ.