މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތްކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ، ސަން ޓްރެވަލް ކުންފުންޏާ ދެކޮޅަށް ސިންގަޕޫރުގައި ކުރިއަށް ދިޔަ އަޑުއެހުންތަކަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ރޭ ރާއްޖެ އަށް އެނބުރި ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސިޔާމް ވިދާޅުވީ ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ވެވަަޑައިގަތުމުގެ ޝައުގެއް ނެތްކަމަށާ އެހެން ނަމަވެސް މަޖުބޫރީ ހާލަތެއް ދިމާވެއްޖެ ނަަމަ އެކަން ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ ހާލަތަކީ ކޮބައިކަމެއް ސިޔާމް ވިދާޅުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ސިޔާމް ނުދެއްވައެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހް އަށް ކާމިޔާބު ކޮށްދިނުމަށް އެމަނިކުފާނާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު މިހެން ވިދާޅުވެފައި ވާއިރު ރަނިންމޭޓް ކަމަށް ޝައުގުވެރިވާކަން މިހާތަނަށް ހާމަކުރައްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެކަންޏެވެ. ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދިވެސް ހުންނެވި ނައިބް ރައީސް ފައިސަލް ނަސީމު މިކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވާއިރު މިއަހަރު ބާއްވާ އިންތިހާބުގައި އެމްޑީޕީ އާ އެކު ކޯލިޝަން ނަހަދަން ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެމްޑީޕީ ތެރޭގައިވެސް ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ވާން ބޭނުންވާ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް އުފެދިފައި ވާކަމުގެ ހަބަރުތައް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް މިކަަމާ ގުޅިގެން އެ ޕާޓީން އަދި އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު ރައީސް ސޯލިހް ވިދާޅުވީ ރަނިންމޭޓަކު ކަނޑައެޅުއްވުމަކީ ނިންމަވަން ޖެހިވަޑައިގެންފައި އޮތް އުނދަގޫ ނިންމެވުމެއް ކަމަށެވެ.