ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައި ވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގައި 1300 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށް އީސީން ބުނެފިއެވެ.
ރީ ރަޖިސްޓްރޭޝަން ހުޅުވާލަނީ މިމަހުގެ 16 އިން ފެށިގެން ގޮސް އަންނަ މަހުގެ 5 އާ ހަމައަށެވެ. ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރޭޝަން ބަލައިގަންނަނީ 16 ވަނަ ދުވަހުން ފެށިގެން ގޮސް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ، މިމަހުގެ 16 އިން ފެށިގެން 18 އާއި ހަމައަށް 1321 ފަރާތަކުން ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ހުށަހަޅާފައިވާ 1185 ފޯމާއި، ކަރުދާސް ފޯމުތަކުގައި ހުށަހެޅި 136 ފޯމު ކަމަށް ވެސް އީސީން ބުނެއެވެ. އީސީން ބުނީ މިފޯމުތަކުގެ ތެރެއިން 300 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.
އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ތަރުހީބު ކުޑަވުމުން އީސީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.