އެދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކެނެރީގޭ މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި އޭނާ [ނަޝީދު] އަކީ ޣައިރު ގާނޫނީ އަމުރު ކުރައްވައި، މި ގައުމު ވިއްކާލަން މަސައްކަތް ކުރައްވައި، މި ގައުމުގެ މިނިވަން ނަގާލަން މަސައްކަތް ކުރައްވައި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު އޭނާ [ނަޝީދު] އަކަށް ދުވަހަކުވެސް މަސައްކަތެއް ނުކޮށްދޭނަން" ގާސިމް ވިދާޅުވިއެވެ.

މިއަދު ގާސިމް ވިދާޅުވީ، ރައީސް ނަޝީދާއި ކާނަލް މުހައްމަދު ނާޒިމާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ފޯމިއުލާއެއް ހޯއްދަވައިފި ކަމަށާއި އެއީ އަންނަ ރިޔާސީ އިންތިހާބަށް 1 ކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާ ކަމަށެވެ.

ވެރިކަމުގެ ލައްޒަތަކީ، އޭގައި ޖެހިއްޖެ މީހަކު މަސްތު ކޮށްލައި އަފިހުނެއް ފަދަ ނުރައްކާ އެއްޗަކަށް ވާއިރު، މި ރާއްޖޭގެ ސިޔާސީ ހަގީގަތް ބުނެދެނީ، "ކުރިން ބުނި އެތި ކެންސަލް" ވާ ކަމަށެވެ.

ފެބްރުއަރީ 7، 2012 އަކީ ދިވެހިންނަށް އާ ތާރީހަކަށް ނުވާނެއެވެ. އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ ގާސިމް އެ ވިދާޅުވި ކެނެރީގޭ މުހައްމަދު ނަޝީދެވެ. ނަޝީދުގެ ވެރިކަން ދެބައިވި ހިސާބަކީ ރާއްޖޭގެ ތާރީހު ކަޅު އަކުރުން ލިޔުނު ހިސާބެވެ.

އެއްބަޔަކަށް އެ ދުވަހަކީ ބަޣާވާތަކުން ވެރިކަން ވައްޓާލި ދުވަހެވެ. އަނެއް ބަޔަކަށް އެއީ ގާސިމް ވިދާޅުވާ ފަދައިން " ޣައިރު ގާނޫނީ އަމުރު ކުރައްވައި، މި ގައުމު ވިއްކާލަން މަސައްކަތް ކުރައްވައި، މި ގައުމުގެ މިނިވަން ނަގާލަން މަސައްކަތް ކުރައްވާ" ބޭފުޅެއްގެ ކިބައިން ގައުމު މިނިވަން ކުރި ދުވަހެވެ.

އެބަހުސައް ވުރެ މުހިންމީ މިއަދުގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދާގޮތެވެ. ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރަމުން ދާ ސައްލާތަކާއި ރާވާ ރޭވުންތަކުގައި އިއްޔެ އަކީ ބޮޑު ދުވަހެކެވެ. މިހާތަނަށް އިދިކޮޅުން ނުދައްކާ އެއް ވާހަކަ އިއްޔެ ދެއްކިއެވެ. އެއީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއެއް ގުޅިގެން 1 ކެންޑިޑޭޓަކު ނެރުމުގެ ވާހަކައެވެ.

އިއްޔެވެސް އަދި މިއަދުވެސް އިދިކޮޅު ގިނަ ޕާޓީތަކުން ތިބީ އެ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކު އިންތިހާބަށް ނެރެފައެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމް އެވެ. އެމްއެންޕީގެ ކެންޑިޑެޓަކީ ކާނަލް މުހައްމަދު ނާޒިމެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީނެވެ. ހަމައެގޮތަށް ކެންޑިޑޭޓް އަދި ކަނޑަނާޅާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ރައީސް ނަޝީދު ކަމާމެދަކު ޝައްކެއް ނުހިނގައެވެ.

މިއިން ކޮންމެ ބޭފުޅަކީ އެބޭފުޅެއްގެ ފަސްބައިގެ ސޮފްހާތައް އުކާލައިފި ނަމަ، ތެލާއި ފެނާ އެކު ނުވާނޭ ބުނާ އުސޫލުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ގުޅިވަޑައިގެން ކުރިއަށް ވަޑައިގެންނެވޭ ވަރުގެ ބޭފުޅުންނެއް ނޫނެވެ. އެއަށް ވުރެ 'ގޮވާފައި ހުރި އެތިވަރުތައް" ގިނައެވެ.

ފެބްރުއަރީ 7 ވީ އެ ދުވަހު، ކާނަލް ނަޒިމަކީ 'ކޮމާންޑަރު" އެވެ. އެދުވަހު ނާޒިމް ވިދާޅުވީ. "ނަޝީދަށް ހުށަހެޅުމެއް ހުށަހަޅުއްވައިފި ކަމަށާއި އެއީ އެއްވެސް ޝަރުތަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ [ނަޝީދު] އިސްތިއުފާ ދެއްވުން" ކަމަށެވެ. އެދުވަހު ނަޝީދު އިސްތިއުފާ ދެއްވައި އާންމުކޮށް އިއުލާން ކުރެއްވި އިރު ނަޝީދުގެ އިސްތިއުފާގެ ސިޓީ ގެއްދެވި އާރުކާޓީގައިވެސް ނާޒިމް ހުންނެވިއެވެ.

ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް އިދިކޮޅު ޕީޕީއެމް އާއި އަދި އެމްއާރުއެމް އާ ގުޅިގެން 1 ކެންޑިޑޭޓަކު ނެރޭ ވާހަކަ ދައްކާ އިރު، ހަމަ އެދުވަހު އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން، ބަޣާވާތުގެ އެ މައިދާނުގައި ވިދާޅުވީ، "އިންޑިއާ ސަރުކާރު އޮތީ ދިވެހި ރައްޔިތުންނާ އެކީގަ، އަދި ދިވެހި ރައްޔިތުން ތިބީ ދިވެހި ސިފައިންނަށާއި ދިވެހި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭން" ކަމަށެވެ. ޔާމީން އިންޑިއާގެ ވާހަކަ ފާހަގަ ކުރެއްވީ، އެ ދުވަހުގެ އެހާލަތާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މަޝްވަރާ ކުރި އެއް ބޭފުޅަކީ ރައީސް ޔަމީން ކަމަށް ވެފައި އިންޑިއާއިން އެކަމުގައި ދެކޭގޮތް ހާމަ ކުރެއްވުމުގެ ގޮތުންނެވެ.

އޭރު އެ ހަލަބޮލިކަން އުފެދުނު ސަބަބުތަކަށް ނުދިޔަ ނަމަވެސް، ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިދިކޮޅު ހުރިހާ ފަރާތްތަކަކުން އޭރު ބައިވެރިވެފައި ވާ އިރު އެފަރާތްތަކުން ނަޝީދާ ދެކޮޅަށް ނިކުންނަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ގާސިމް އެވިދާޅުވާ ކަންކަމުގެ ފަހަތުގައި ކިތަންމެ ކިތަންމެ ކަމެއް ވާކަން ތާރީހުގެ ސޮފްހާތައް އުކާލީމައި ފެނެއެވެ.

ނަޝީދުގެ ވެރިކަމުގައި އޭރު ގަވައިދުން ދެއްވަމުން ގެންދެވި ރޭޑިއޯ އެޑްރެސްގެ ތެރެއިން 1 އެޑްރެހެއްގައި ނަޝީދު ވިދާޅުވީ، "ގާސިމް އިބްރާހިމްގެ ވިޔަފާރީގެ ކަންކަން ސަރުކާރުންވެސް އަދި އެހެން އެއްވެސް ފަރާތަކުން ބައްލަވައިފިއްޔާ ފެންނާނީ ޓްރެޒަރީގައި ހުންނެވި އިރުވެސް އޭގެ ކުރީގަވެސް ވަރަށް ބޮޑަށް މި އޮޅުން އަރަމުން ދާތަން، އަމިއްލަ ވަތްގަނޑާއި ދައުލަތުގެ ހަޒާނާ އާއި އެތަނުގެ ތަޅުދަނޑި އެއްތަޅުދަނޑިއަކަށް ވެގެނެއް އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެއެއް އަޅުގަނޑުމެނަކަށެއް ނުލިބޭނެ" ކަމަށެވެ. ނަޝީދު އެ ޖެއްސެވީ ގާސިމް އެ ވެރިކަމާ ދެކޮޅަށް ނިކުމެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ހިސާބުގައެވެ. ގާސިމްގެ ވިޔަފާރީގައެވެ. އޭރު ދައުލަތުގެ މާލިއްޔާއާ ގާސިމް ހަވާލުވެ ހުންނެވި އިރުވެސް އެއީ އެންމެ ފުޅާ ފިޔަފާރި ކުންފުނި، "ވިލާ" ގެ ޗެއާމަނެވެ.

އެއް ކެންޑިޑޭޓަކު ނެރެން، އެމްއާރުއެމް އާ ވެސް ވާހަކަ ދައްކަވާނެ ކަމަށް އިއްޔެ 3 ޕާޓީގެ ބައްދަލުވުމަށް ފަހު ލީޑަރުން ވިދާޅުވި އިރު، އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމަކީ ނަޝީދު ނިކުމެވަޑައިގެން ވައްޓާލި ވެރިކަމުގެ ރައީސެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ދައުރުގައި މައުމޫން ވާދަކުރެއްވި ނަމަވެސް ވެރިކަން ވެއްޓިގެން ދިޔައިރު ކެމްޕެއިންގެ މަރުހަލާގައި މައުމޫން ވިދާޅުވެފައި ވަނީ، "ދިވެހިރާއްޖޭގައި އިސްލާމީ އަގީދާ ރައްކާތެރި ކުރުމުގެ ގާބިލިއްޔަތެއް އޭނާ [ނަޝީދު] ގެ ކިބަޔަކު ނެތޭ، އޭނާ ގުޅިފައި އެ އޮތީ ބޭރުގެ ޖަމާއަތްތަކާ، ބޭރުގެ ޣައިރު ދީނީ، ބޭރުގެ ލާދީނީ، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ގޮވާލައި ޖަމާއަތްތަކާ ގުޅިފަ" ކަމަށެވެ.

ފިތުނައިގެ އަލިފާން ނިވޭނޭހެއްޔެވެ؟

މިހެން އޮތް ސިޔާސީ ފިތުނައެއްގެ ތެރެއިން 1 ކެންޑިޑޭޓަކު ނެރެން އިއްޔެ ގާސިމާއި، ނާޒިމް އަދި ނަޝީދު ވާހަކަ ދައްކަވާފައި ވާއިރު، ޕީޕީއެމް އިން އިއްޔެ ބުނެފައި ވަނީ ޕީޕީއެމް އިން ކެންޑިޑޭޓް ކަނޑައަޅާފައި ވާ ކަމަށާއި އެއީ ރައީސް ޔާމީން ކަމަށެވެ. 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނަށް އަންނަ ރިޔާސީ އިންތިހާބު "ގެއްލިފައި" އޮތް މިހާލަތުގައި ވެސް ޕީޕީއެމް އިން ބުނަނީ، 1 ކެންޑިޑޭޓަކު ނެރޭނަމަ އެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ހެދުމަށެވެ. ޔާމީނަށް އިންތިހާބު ލިބޭނެ ނަމަ އޮތް ހަމައެކަނި ފުރުސަތަކީ، ހައިކޯޓުގައި ކުރިއަށް ދާ އިސްތިއުނާފް އިންތިހާބުގެ ކުރިން ނިމި ޔާމީން "ކްލީން" ވުން ނުވަތަ ރިޔާސީ އިންތިހާބަށް ކެންޑިޑަސީ ފޯމް ލުމާއެކު ކެންޑިޑަސީ އާމެދު ސްޕްރީމް ކޯޓުން ގޮތް ނިންމުމެވެ.

ޔާމީން ނޫން ގޮތެއް ގަބޫލުކުރަން ޕީޕީއެމްގެ ލީޑަޝިޕް ގަބޫލު ނުވާ އިރު އިދިކޮޅު އެންމެން އެކުވެގެން 1 ކެންޑިޑޭޓަކު ނެރެވޭނެ ގޮތެއް ނެތެވެ. ޕީޕީއެމް އެ ކޯލިޝަނެއްގައި ބައިވެރި ނުވާނަމަ، ޖޭޕީ އާއި އެންއެންޕީ އަދި ޑިމޮކްރެޓްސް އެއްކޮށްލިޔަސް މެޖޯރިޓީ ލިބޭނެ ގޮތެއްވެސް ނެތެވެ. އެހާ ތާއީދެއްވެސް އެހާ މެންބަރުންނެއްވެސް އެ 3 ޕާޓީގައި ނެތެވެ. ސިޔާސީ ޕާޓީގެ ދަފްތަރުން ޖޭޕީއަށް 3 ވަނަ ލިބުނަސް، އއ އާއި އދ ފިޔަވައި ޖެޕީގެ ދެތިން މެންބަރުން ހަމަވާ ރަށެއް ރާއްޖެއަކު ނެތެވެ. އެމްއެންޕީއަކީ ޖޭޕީގެ ތެރެއިން ނިކުމެގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރަކު އިސްވެ އުފެއްދެވި ޕާޓީއަކަށް ވެފައި ޕާޓީގެ ޅަ ކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ފައިތިލަ ސާބިތު ކުރެވިފައެއް ނުވެއެވެ. ސިޔާސީ ޕާޓީގެ ދަފްތަރުން ދައްކާ ގޮތުން 10 ހާސް މެންބަރުން ހަމަނުވެއެވެ. އަދި އެއަށް ވުރެ މާ ޅަ އަދި ކިރިޔާ އުފަންވި ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރެއިން ނިކުން މަޖިލީހުގެ 13 މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމު މެންބަރުން އުފެއްދި ޕާޓީއަކަށް ވާއިރު އެ ޕާޓީގެ ދަފްތަރުގައި 3500 ހަމަ ނުވެއެވެ. ނަމަވެސް އެ ޕާޓީގެ މުގުލުގައި ހުންނެވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު [އަންނި] ކަމަށް ވުމާއެކު އެމްޑީޕީ އޮތް ހުރިހާ ރަށަކުން ކޮންމެވެސް އަދަދެއްގެ މެންބަރުން ޑިމޮކްރެޓްސް އާ ގުޅޭނެ ކަމަށް ބެލެވޭއިރު އެމްއެންޕީއާއި ޖޭޕީއަށް ވުރެ ބޮޑުތަނުން ރަނގަޅު ކުރާނެ ކަމަށް ފެނުނަސް ބޯމަތީގައި އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ "ރޫޅާެވިދާނެ" ކަމަކަށް ނުފެނެއެވެ.

ހިޔާލާއި ފިކުރު އަދި ގަބޫލުކުރާ ހަމަތައް މުޅިން ތަފާތު 3 ޕާޓީން 1 ކެންޑިޑޭޓެއްގެ ވާހަކަ ދެއްކީ ވެރިކަން ވައްޓާލުމަަށެވެ. ރާއްޖޭގައި ކޮންމެ 5 އަހަރަކުން ކުރަން އޮންނަ ކަމަކީ އެއީ ކަމަށް ސިޔާސީ ފަރާތްތަކަށް ގަބޫލު ކުރެވޭތީ އެމަގަށް ހިޔާލު އެއްގޮތް ކުރިޔަސް ވެރިކަން ވައްޓާލައި އުފައްދާނެ ކަމަށް ފެންނަ ކޯލިޝަން ސަރުކާެއްގައި ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސްގެ އިތުރުން ޕީޕީއެމް އާއި އެމްއާރުއެމް "ހަޖަމް ކުރާނެ" ގޮތެއް ނުވިސްނެއެވެ. ޒާތީ ތައައްސުބު އެއްކައިރި ކޮށްގެން ވެރިކަން ކުރެވިދާނެ ފޯމިއުލާއެއް ނުފެނެއެވެ.

ގާސިމް އަރިހުން ނިކުމެ ވަޑައިގެން ގާސިމް އާ ގުޅޭ ގޮތުން ނާޒިމް ދައްކަވާފައި ހުރި ވާހަކަތަކާއި ޕީޕީއެމް އިން ރައީސް މައުމޫނު ބޭރުކުރަން ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން އެ ޕާޓީގެ ލިޑާޝިޕުން ދައްކަވާފައި ހުރި ވާހަކަ ތަކަކީ މަތީގައި ފާހަގަ ކުރި [އެކި ލީޑަރުން ދައްކަވާފައި ހުރި ވާހަކަތައް] އެއްކޮށްލުމުން 1 ކެންޑިޑޭޓެއްގެ ފަހަތުގައި ކުރިއަށް ދެވިދާނެ ފަދަ ލޯތްބެއް ކަމަކަށް ނުފެނެއެވެ.

ވެރިކަން ބަދަލުކުރުމުގެ ބޭރުމުގައި ކުރިން ދެއްކި ހުރިހާ ވާހަކައެއް އެހެން ކެންސަލް ވާނެކަމަށް ގަބޫލެއްވެސް ނުކުރެއެވެ.