ރިޔާސީ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން އިއްޔެއިން ފެށިގެން މި އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއެކު ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށްވުމާއެކު ފާއިތުވި 5 އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަރައިފައިވާ މީހަކަށް ނުވުން ވެސް އޮބްޒާވަރުންނާއި މޮނީޓަރުންގެ ޝަރުތުތަކުގައި ހިމެނެއެވެ.

އޮބްޒާވަރުންގެ ހުންނަން ޖެހޭ އިތުރު ޝަރުތު:

  • ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށްވުމަށް ހުށަހަޅާ ފަރާތެއްނަމަ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.

މޮނީޓަރުންގެ ހުންނަން ޖެހޭ އިތުރު ޝަރުތު:

  • ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ، ޓީވީ ސްޓޭޝަނެއް، ނުވަތަ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހެއްކަމުގައިވުން.

އޮބްޒާވަރުން ނުވަތަ މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމާއި އައިޑީކާރު އަދި އިގުރާރުގެ އިތުރުން ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. އަދި މޮނިޓަރަކަށްވުމަށް އެދި ހުށަހަޅާ ފޯމާއެކު ރޭޑިއޯ، ޓީވީ ސްޓޭޝަން ނުވަތަ ނޫސް މަޖައްލާއެއްގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅަން ޖެހެއެވެ.

އީސީއިން ބުނީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ކަމަށެވެ. އަދި ދަރުބާރުގެ ރިސެޕްޝަނުން ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރުފަހު 3 އަށް ކަމަށާއި ހުކުރު ދުވަހު ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ މެންދުރުފަހު 3 އިން ހަވީރު 5 އަށް ކަމަށް އީސީއިން ބުނެއެވެ.

އީސީއިން ބުނީ ފޯމު މެއިލްކުރާނީ އެ ކޮމިޝަނުގެ އީމެއިލްއަށް ކަމަށާއި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެ ކޮމިޝަންގެ ވެބްސައިޓް އިން ލިބޭނެ ކަމަށެވެ.