ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އާ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެރަށުގެ ބަނދަރު ސަރަޙައްދުގައި އެކަމަށްޓަކައި ހާއްސަށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މޮޅަދޫގައި ތަރައްގީ ކުރި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ.

ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތްވެސް ހުޅުއްވައިދެއްވާފައެވެ. އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އާ އިންޖީނުގެއަކީ 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭ ގޮތަށް އިމާރާތް ކޮށްފައިވާ އިންޖީނުގެއެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަޑައިގެންނެވީ ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށެވެ. އަދި މާދަމާ ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އިހަވަންދޫ އާއި ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ބާކީ ހުރި ރަށްރަށުގައި ކަންމަތީ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.