ރަޝިއާއިން ޔޫކްރައިން އަށް އަމާޒުކޮށް ފޮނުވާލި 14 ކްރޫޒް މިސައިލާއި 23 ޑްރޯން ޔޫކްރައިން އިން ވައްޓާލައިފިއެވެ.

ޔޫކްރައިންގެ އޮފިޝަލުން ވިދާޅުވީ އެތަނުން އެއް މިސައިލަކީ ގައިޑަޑް [ވަކި ތަނަކަށް އަމާޒުކޮށްފައި] ފޮނުވާލި މިސައިލެއް ކަމަށެވެ.

ރަޝިއާގެ ކަޅުކަނޑުގެ ފްލީޓުން ފޮނުވާލި މިހަލާތައް ނާކާމިޔާބު ކޮށްލި ކަމަށް ޔޫކްރައިން އިން ބުނެފައި ވާއިރު، ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކްރިމިއާގައި ހުރި ހަތިޔާރު ގުދަނެއް ޔޫކްރައިން ސިފައިން ގޮއްވާލި ކަމަށް ވެސް ވަނީ ބުނެފައެވެ. އެ ގުދަން އަނދަމުން ދާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް އާންމު ވެފައި ވާ އިރު، ދިމާވެދާނެ ނުރައްކާތެރި ހާދިސާ އަކުން ރައްކާތެރިވުމަށް ރަޝިއާއިން ވަނީ އެ ގުދަން ހުރި ސަރަހައްދުގެ ވަށައިގެން ދިރިއުޅޭ މީހުންނަށް އަންގާފައެވެ.

މި ހަމަލާ އާ ގުޅިގެން ރަޝިއާއިން ވަނީ ހުޅަނގަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފައެވެ. ރަޝިއާއިން ބުނީ، ޔޫކްރައިން އިން ޓެރަރިޒަމްގެ އަމަލުތައް ހިންގާ އިރުވެސް ހުޅަނގަށް ނުފެންނަ ކަމަށާއި ޔޫކްރައިނުން ކްރިމިއާ ބްރިޖަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި އާންމުންގެ 2 މީހަކުވެސް މަރުވެފައި ވާ ކަމަށެވެ.

ޔޫކްރައިން އިން ބުނީ، ކްރިމިއާ އަކީ ޔޫކްރައިންގެ ތަނެއް ކަމަށާއި އެތަން އަތުލުމަށް ހަމަލާ ދޭނެ ކަމަށެވެ. ޔޫކްރައިންގެ ދަށުގައި އޮތް ކްރިމިއާ ރަޝިއާއިން ހިފީ 2014 ވަނަ އަހަރުއެވެ.

ޔޫކްރައިން ހަނގުރާމަ ހިނގަމުން ދާތާ ގިނަ ދުވަސްތަކެއް ވެފައި ވާ އިރު ރަޝިއާ އަށް ވުރެ ބޮޑަށް ގެއްލުންވަމުން ދަނީ ޔޫކްރައިން އަށެވެ. ރަޝިއާއިން ޔޫކްރައިންގެ 5 ސްޓޭޓެއް ހިފާ އެތަންތަން އަމިއްލަ ކޮށް ވަނީ ގަވަރުނަރުންވެސް ލައިފައެވެ.

މިއަދުގެ ބައެއް ހަބަރުތަކަށް ބަލާއިރު، ރަޝިއާގެ ބްލެކް ސީ ފްލީޓަށް އަމާޒުކޮށް ޔޫކްރައިން އިން މޫދަށް ދޫކޮށްލާފައި އޮތް ކަނޑު މައިނެއް ރަޝިއާ ސިފައިން ވަނީ ގޮއްވާލާފައެވެ.

ހަމައެއާއެކު ރަޝިއާއިން ވަނީ ޔޫކްރައިން އިން ބޭރުކުރާ ގޮދަނުގެ ބާވަތްތަކަށް ހުރަސް އެޅުމުގެ ގޮތުން، އެތަކެތި ބޭރުކުރާ ކަނޑުގެ ބަނދަރަކަށް މިސައިލް ހަމަލާއެއް ދީފައެވެ.

އަނެއްކޮޅުން ޑިނީޕާ ކޯރުގެ އައްސޭރީގައި ހިނގަމުން ދާ ކުރިމަލުންތައް ވަރުގަދަ ވެއްޖެ ކަމަށާއި ދެފަރާތުންވެސް ބާރަށް ދުވާ މޯޓަރުބޯޓް ބޭނުން ކުރަމުން ދާ ކަމަށް އިނގިރޭސި އިންޓެލިޖަންސްގެ ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން ޔޫކްރައިން އިން ވަނީ އެގައުމަށް ހަމަލާދޭ ރަޝިއާގެ 63 ޓާގެޓެއްގެ ތެރެއިން 37 ޓާގެޓް ހަލާކުކޮށްލާފައެވެ. އެތަންތަން ގޮއްވާލީ ޑްރޯން އާއި މިސައިލް ހަމަލާތަކުގައި ކަމަށް ޔޫކްރައިން އިން ބުނެފައި ވެއެވެ.