ދުނިޔެ ހޫނުވުމަށް މެދުވެރިވާ ސީއޯ2 ނުވަތަ ކާބަން މަދުކުރުމަށް ޗައިނާއިން ގެންގުޅޭނީ އަމިއްލަ ސިޔާސަތެއް ކަމަށް ވިދާޅުވީ، އެމެރިކާއަށް ޗައިނާގެ ރައީސް ޝީ ޖިންގް ޕިން ރައްދުދެއްވައިފިއެވެ.

ޝީ މިހެން ވިދާޅުވި އިރު އެމެރިކާގެ ކްލައިމެޓް މަންދޫބު ޖޯން ކެރީ މިވަގުތު ވަޑައިގެން ހުންނެވީ، ކާބަން މަދުކުރުމާއި ތިމާވެށީގެ މައްސަލަތަކުގައި މަޝްވަރާ ކުރެއްވުމަށް ޗައިނާގައެވެ.

ދުނިޔެ ހޫނުވާ ކާބަން އެންމެ ގިނައި ޖައްވަށް ބޭރުގައި ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި އެމެރިކާގެ އިތުރުން އިންޑިއާ ހިމެނޭ އިރު، ޗައިނާ އާއި އެމެރިކާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގްތިސޯދުވެސް މެއެވެ.

ޝީ ވިދާޅުވީ، ކާބަން މަދުކުރުމަށް ޗައިނާއިން ލަނޑުދަނޑިތަކެއް ކަނޑައަޅާފައި ވާ ކަމަށާއި، 2030 ގެ ނިޔަލަށް ކާބަން އިތުރުވުން ކުރިއަށް ދިޔަ ނަމަވެސް 2060 ގެ ނިޔަލަށް ކާބަން ޒީރޯ ގައުމަކަށް ހެދުން ހިމެނޭ ކަމަށެވެ.

"މިކަން ކުރަން، މި ލަނޑުދަނޑިތައް ހާސިލު ކުރުމަށާއި ފިޔަވަޅުތައް އެޅުމުގައި އެހެން ފަރާތަކުން ގޮތް ކިޔައި ނުފޫޒު ފޯރުވާނެ ކަމެއް ނެތް، އެކަން ކުރާނީ އަހަރެމެން އަމިއްލައަށް"

ދުނިޔެ ހޫނުވެ މޫސުމީ ގިނަ ބަދަލުތައް އަންނަ މި ދުވަސްވަރުގައި ޔޫރަޕް މިހާރު ތަހަންމަލް ކުރަމުން ދަނީ އާދަޔަ ހިލާފު ހޫނުކަމެކެވެ. އާންމުކޮށް ފިނި ޔޫރަޕްގައި ހޫނުމިން މަތިވެ 46 ޑިގްރީއަށް ބައެއް ސަރަހައްދުތައް އަރާފައި ވާއިރު ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތަކާއި ހޫނުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހި މީހުން މަރުވުމުގެ ހާދިސާތައް ވެސް ހިނގަމުން އެބަދެއެވެ.

ކެރީ ޗައިނާ އަށް ވަޑައިގެން ޕްރިމިއާ ލީ ކިއާންގް އަދި ވޭންގް ޔީ އާ ބައްދަލުކުރައްވާފައި ވާ އިރު ކެރީ ވަނީ ޗައިނާގެ ހަކަތައިގެ ދާއިރާގައި އުފައްދާ މެތޭން ގޭސް މަރުކުރުމަށާއި ޖަންގަލިތައް ހަލާކު ނުކުރުމަށް އެދިވަޑައިގެންފައެވެ. އަދި މޫސުމީ ކާރިސާއެއް އަޔަ ނުދިނުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.