ހއ. އުލިގަމަކީ ފަތުރުވެރިކަމަށް އޭރު ވެސް ފައްކާވެފައިވާ ރަށެއް ކަމަށާއި، ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ "އަޑި ނޭނގޭ" އެއްބަސްވުމެއްގެ ސަބަބުން އެ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ގެ އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އުލިގަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އަށް ފަހު އެންމެ ގިނައިން ޔޮޓު ފަހަރު ލަފާފުރާ އެއް ރަށަކީ އުލިގަމު ކަމަށާއި، އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ޔޮޓު ފަހަރު ކައިރިކުރެވޭނެ ފަދަ ރަނގަޅު ނިޒާމެއް ގާއިމްކުރުން ހިމެނޭ ކަމަށެވެ.

އުލިގަމަކީ ފަތުރުވެރިކަމަށް 'ފައްކާ' ރަށެއް ކަން ސިފަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށަކީ ރީތި ބަނދަރެއް އޮތް، ފަސޭހައިން ރާއްޖެ އެތެރެވުމަށް އޮތް ތަނެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި އުލިގަމަށް ބޯކޮށް އިންވެސްޓުމެންޓުތައް އަންނާނެއެވެ.

2008 ވަނަ އަހަރު އޭރުގެ ސަރުކާރުން އުލިގަމުގައި ހޮޓަލެއް އަޅަން މަސައްކަތްކުރަން ފެށި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާތީ ހޮޓާ އަޅަން ހުރި ބިން ވަނީ އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފައި ކަމަށާއި، ކައުންސިލުން އެ ތަނުން ދެ ބިމެއް ކުއްޔަށްދީ، ކައުންސިލަށް އާމްދަނީ މިހާރު ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކައުންސިލްގެ ދަށަށް އެ ބިން ބަދަލުކުރުމަށް ދަތިތަކާ ކުރިމަތިވިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން ބޭރު ބަޔަކާ ގުޅިގެން އެ ތަނުގައި އާމަރީ އެއް ހަދައި، ދަތުރުކުރެވޭ އުޅަނދުފަހަރަށް އޭގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ، "އަޑި ނޭނގޭ" އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ، އެ އެއްބަސްވުމުން ނުކުންނަން އުނދަގޫވި ކަމަށާއި، ނަމަވެސް އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބެލިއިރުގަ އެބުނާ އެގްރީމެންޓެއް ފެންނަކަށް ނެތް، އެހެން ނަމަވެސް އެ ކުންފުނީގަ އެބައޮތް އެ އެގްރީމެންޓް، އެންމެ ފަހުން ޕޮލިހަށް ގޮސް އެ ބެލިއިރުގަ ސޮއިކޮށްފަ އޮތީ އަސްލު މީހާ ކަމަށް އެބަ ޔަގީންކުރެވޭ،"

އެމަނިކުފާނަށް ފެނިވަޑައިގަތީ އުލިގަމުގެ ކައުންސިލުން އެ ރަށުގެ ރައްޔިތުން އެދުނު ގޮތަށް އެ އެއްބަސްވުން ބާތިލްކޮށް ޓޫރިޒަމްގެ މަސައްކަތަށް އެ ބިން ރައްޔިތުންނާ ހަވާލުކުރި މަންޒަރު ކަމަށާއި، އެހެންކަމުން އެ ބިމުގެ ނަފާ އުލިގަމަށް ލިބޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެއާއެކު، ރައީސް ވަނީ އުލިގަމަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެ ރަށުގައި ހައުސިން ޔުނިޓް ގާއިމްކުރައްވާނެ ކަމަށާއި، ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް އަޅުއްވާނެ ކަމަށާއި، އެ ރަށުގެ ސްކޫލަށް އަށް ކްލާސްރޫމް އިތުރުކޮށް، މައި މަގުގައި ތާރު އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. ރައީސް ވިދާޅުވީ އުލިގަމުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރެވިފައިވާ ކަމަށެވެ.