2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް 6 ގޮނޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދަށް ބަދަލު ގެންނަން އީސީއިން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތިން މިއަދު ބޭއްވި އެ ކޮމިޝަނުގެ 794 ވަނަ ޖަލްސާގައެވެ.

ރައްޔިތުން މަޖިލީހަށް އިތުރުވާ 6 ގޮނޑި:

  • މާލޭ ސިޓީ އަށް 2 ގޮނޑި
  • އައްޑޫ ސިޓީ އަށް 1 ގޮނޑި
  • މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި
  • މާލެއަތޮޅަށް 1 ގޮނޑި
  • ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

އީސީއިން އިތުރަށް ބުނީ ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ މީހުންގެ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް އެ ކޮމިޝަނުން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންނެވެ.

ފަސް ހާސް މީހުންނަށް ވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިތުރު ކުރާނެއެވެ.

މިހާރު މަޖިލީހުގައި 87 ގޮނޑި [މެންބަރުން] ތިބެއެވެ.