މި ސަރުކާރުން މިހާތަނަށް 12 މިސްކިތެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާ މިހާރުވެސް 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މީދޫގައި ހަތްސަތޭކަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ވަރަށް ބޮޑަށް އުމްރާނީ ތަރައްގީ ގެންނަމުންދާ ކަމަށާ އެކަމުގެ އަސަރުތައް މިސްކިތްތަކުންވެސް ފެންނަމުން ދާ ކަމަށެވެ.

މި ގޮތުން މިހާރު އިމާރާތްކުރެވޭ އާ މިސްކިތްތަކުގެ ޑިޒައިންތައް ކުރިއާއި އަޅާބާލާއިރު ވަރަށް ބޮޑަށް ތަފާތުވާނެކަން ފާހަގަކުރައްވަމުން އަހްމަދު ޒާހިރު ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ، ލަފާފުޅާއެކު އެ މަނިކުފާނު ބޭނުންވާ ގޮތަށް ޑަޒައިންކުރަމުން ދާ މިސްކިތްތައް ކަމަށެވެ.

މިހާރުވެސް ޖުމްލަ 19 މިސްކިތުގެ މަސައްކަތްކުރިއަށް ދާކަން ހާމަކުރައްވަމުން އަހްމަދު ޒާހިރު ވިދާޅުވީ މިއިން ކޮންމެ މިސްކިތަކީ އެއްއަހަރު ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މިސްކިތްތައް ކަމަށެވެ. ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތާ ހަވާލު ފަރާތްތަކުން އެ މަސައްކަތް ނިންމި ނަމަ މިހާރު މި މިސްކިތްތައްވެސް ނިމިދާނެކަން ފާހަގަކޮށް އަހްމަދު ޒާހިރު ވަނީ ސަރުކާރުން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތުގެ ކޮންޓްރެކްޓަރުންވެސް އެހީތެރިކަންދީ، އެއްބަސްވެފައިވާ މުއްދަތަށް އެ މަސައްކަތް ނިންމަންޖެހޭކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ފުރަތަމަ ފަހަރަށް މީދޫގައި އިމާރާތްކުރާ މި މިސްކިތަކީ، ސަރުކާރުގެ ޕީއެސް.އައި.ޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 13.9 މިލިއަން ރުފިޔާއެވެ.