ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުން ނިކުންނަވައި ވާދަވެރި ކެމްޕެއިނެއް ކުރުމަށް ގޮވާލައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އާދަމް ޝަރީފް އުމަރު އެކަމަށް ރައްދު ދެއްވައިފިއެވެ.

އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ އިދިކޮޅުން ކެމްޕެއިން ކުރުމަށް ގެންގުޅެނީ މާ ކުރީގެ އުކުޅުތަކެއް ކަމަށާއި ކެމްޕެއިނަށް ނުކުމެވަޑައިގެން ވާދަކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި އެމްޑީޕީގެ ކޯލިޝަން އޮތީ އިންތިހާބުގައި ރަނގަޅު ވާދައެއް ދިނުމަށް ތައްޔާރަށް ކަމަށާއި ވޯޓުން ނަތީޖާ ނެރޭ ހިސާބަށް އެމްޑީޕީ އަށް އާދެވިއްޖެ ކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މ.މުއްޔަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ހަދާފައިވާ ސަފުގައި ހުރި މީހަކު އެމަނިކުފާނަށް ހުތުރުބަހުން މުހާތަބުކުރި ހާދިސާއަށް ރިއާޔަތް ކުރަމުން އިތުރަށް ސޯލިހު ވިދާޅުވީ، ވާދަވެރިން އުޅުއްވަނީ ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ބާވައޭ އެމަނިކުފާނުގެ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް ޅިޔަން ފަހަރިން ކައިރިއަށް ލައިގެން ކުރައްވަމުން ގެންދަވަނީ ރަސްކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވަނީ ޑިމޮކްރެޓިކް ވެރިކަމެއް ނޫން ކަމަށެވެ. "އިދިކޮޅު ކެނޑިޑޭޓް ނުހައްގުން ޖަލުގައި ބަހަށްޓައިގެން ތިޔަ އުޅެނީ ވާދަކޮށްފާނެތީ ބިރުން. ހިތްވަރެއް ހުރިއްޔާ ނިކަން ޔާމީން މިނިވަންކޮށްފައި ކެމްޕެއިންއަށް ވާގިތް ބަލައިލަވަލަ. ހުރިހާ ރަށަކުން މެޖޯރިޓީ ޔާމީން ނަގާނެކަން ކަށަވަރު." އާދަމް ޝަރީފް ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެވޭ ފުރުސަތު ވަނީ ހަނިވެފައެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ މައި އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނުކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައީސަށް ބޮޑު ވާދައެއް ދެއްވާނެ ކަމަށް ބެލެވޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެމްޕެއިނާއި ޔާމީންގެ ކެމްޕެއެިން ވަނީ ނުފެށިއެވެ.

އެއާ ހިލާފަށް ރައީސް ސޯލިހު ކެމްޕެއިން ފަށާ އަތޮޅު ތެރޭގައި ކެމްޕެއިންގެ ހަރަކާތްތައް ވަނީ ފުޅާކޮށްފައެވެ.